Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

އިންކަމް ޓެކްސް ބިލު މަޖިލީހުން ފާސްކޮށްފި

މަޖިލިސް ޖަލްސާއެއް ކުރިޔަށް ދަނީ: ފޮޓޯ / މަޖިލިސް

އާމްދަނީން ޓެކްސް ނެގުމުގެ ބިލު ނުވަތަ (އިންކަމް ޓެކްސް)ގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރީ 67 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރުމާއި ދެކޮޅަށް 03 މެންބަރުން ވޯޓު ދެއްވިއެވެ. އިންކަމް ޓެކްސްގެ ބިލު ފާސްކުރީ އަލަށް ބިލަށް ހުށަހެޅުނު 26 އިސްލާހުތަކަށްވެސް ވަކިވަކިން ވޯޓަށް އަހާފައެވެ. މި ހުރިހާ އިސްލާހެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ބިލު މަޖިލީހަށް ހުށަހެޅިއިރު އޮތީ 40،000 ރުފިޔާއިން މަތީގެ އާމްދަނީން އިންކަމް ޓެކްސް ނެގުމަށެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމެޓީއަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ އެ ބްރްކެޓުގައިވާ އަދަދު އިސްލާހު ކުރުމަށް ހުށަހަޅާފައެވެ. އެގޮތުން އާޒިމް ހުށަހެޅުއްވީ ސަރުކާރުން ހުށަހަޅާފައިވާ އިންކަމް ޓެކުހުގެ ބިލުގައިވާ ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގުމަށް ކަނޑައަޅާފައިވާ ބްރެކެޓުތައް މަތިކޮށް އަދި ޓެކްސް ނަގާ އިންސައްތަ ކުޑަކުރުމަށެވެ.

މީގެ އިތުރުން، އެ ބަދަލާ އެއްގޮތަށް ފަރުދުންގެ އާމްދަނީ އިން ޓެކްސް ނެގޭނެ، ފަސް ބްރެކެޓެއް ބިލްގައި ހިމަނައި އޭގެ ތެރެއިން ބައެއް ބްރެކެޓްތަކުން ޓެކްސް ނެގޭ އިންސައްތައަށް ބަދަލުތައް ގެންނަން އެމްޑީޕީގެ އިސްލާހު ގެނައެވެ. ސަރުކާރުން މަޖިލީހަށް ބިލު ހުށަހެޅިއިރު ވަނީ ޓެކްސް ނަގަން ހަތަރު ބްރެކެޓެެއް ހިމަނާފައެވެ.

މި އިސްލާހުތައް ފާސްވީ މުޅި މަޖިލީހުގެ ކޮމެޓީގައި ތިއްބެވި 31 މެންބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް ބްރެކެޓްތަކަށް މަޖިލީހުގެ މުޅި ކޮމިޓީއިން ގެނެސްފައިވާ ބަދަލު:

• 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ – 0 ޕަސެންޓް.
• 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
• 100،000 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
• 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
• 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި އިންކަމް ޓެކުހުން 600 މިލިއަން ރުފިޔާ ލިބިގެންދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

މުއްސަނދިންނާއި ފަގީރުންގެ ފަރަގު ނައްތާލުމަށް އިންކަމް ޓެކްސް ނެގުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.