އަވަށްޓެރި ސްރީލަންކާގެ އައު ލީޑާޝިޕުގެ ބޭފުޅުންނާއި ބައްދަލުކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފޮރިން މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއާ ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެ ދަތުރުފުޅުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ލަންކާގައި މި ފަހުން ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އެގައުމުގެ ކުރީގެ ރައީސް އަދި މިހާރު އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސައެވެ. ގޯޓަބަޔާ އިންތިހާބު ކާމިޔާބު ކުރެއްވުމާއި އެކު އެކަމަށް މަރުހަބާ ދަންނަވާ ޝާހިދު ވަނީ އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެކަމެއް ކަމަށެވެ.