ހަލާކުވަމުންދާ ނަރުދަމާގެ ނިޒާމުތަކަކީ އެމްޑަބްލިއުއެސްސީން ގާއިމް ކޮށްފައިވާ ނަރުދަމާގެ ނިޒާމުތަކެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
"ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާތަން ދަނީ ފެންނަމުން" ކަމަށް ބުނެ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާޒިމްއާ ހަވާލާދީ ދުވަހު ނޫސް "ސަން"ގައި ޝާއިއުކޮށްފައިވާ ހަބަރާއި ގުޅޭ ގޮތުން ފެނަކައިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މަޢުލޫގެ ދަށުން ލިޔެފައިވާ ލިޔުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތަށް، ކަންކަން ހިނގަމުންދާ ގޮތަށް ރިޢާޔަތް ކުރުމެއްނެތި، ލިބިފައިވާ މަދު އަދީ ކުށް މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް އެފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.
"މިކުންފުނިން ހިންގާ ނަރުދަމާ ނިޒާމު ތަކުގެ ތެރެއިން މައްސަލަ ދިމާވެގެން އެމް.ޑަބްލިއުއެސްސީ އިން މިހާތަނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، އެމްޑަބްލިޔު އެސްސީ އިން ޑިޒައިންކޮށް ޤާއިމްކޮށްފައިވާ ނިޒާމުތަކެއްގެ ޑިޒައިން މައްސަލަ ތަކެއްގެ ސަބަބުން ދިމާވި ކަންތައްތަކަކާއި ގުޅިގެންނާއި މަޝްރޫޢުތައް ހިންގި އިރު ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ދިމާވެފައިހުރި ކަންތައްތަކެއް ޙައްލުކުރުމަށް ކަމުގައިވެސް ދަންނަވަމެވެ،" ފެނަކައިގެ ބަޔާނުގައިވެއެވެ.
އެބަޔާނުގައި އިތުރަށް ބުނެފައިވަނީ މިހާތަނަށް އެ ކުންފުނިން ހިންގައި ބަލަހައްޓަމުންދާ ނަރުދަމާ ނިޒާމު ތަކަށް ދިމާވާ މައާސަލަތައް ޙައްލުނުކުރެވި ދިގުލައިގެން ގޮސްފައިވަނީ އެމްޑަބްލިއުއެސްސީ އިން ޕަމްޕްތައް ސާވިސް ކުރުމަށް އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ނަގައި، ޕަމްޕްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އާދަޔާ ޚިލާފަށް ލަސްވުމުގެ ސަބަބުންނާއި އަލަށް އޯޑަރ ކުރެވޭ ޕަމްޕްތައް ފޯރުކޮށްދިނުމުގައިވެސް ދިގު މުއްދަތެއް ނެގުމުގެ ސަބަބުން ކަމަށެވެ. ފެނަކައިން ބުނީ އެމްޑަބްލިޔުއެސްސީ އަށް ބަރޯސާވެގެން އެކަންކަން ކުރިއަށް ގެންދަން ޖެހިފައިވަނީ ގިނަ ނިޒާމުތަކަކީ އެމްޑަބްލިއުއެސްސީ އިން ޤާއިމްކޮށްފައިވާ، އަދި އެކުންފުނިން ވިއްކާ ޕަމްޕް ހަރުކުރެވިފައިވާ ނިޒާމުތަކެއްކަމަށް ވުމުން ކަމަށެވެ.
"އެހެންނަމަވެސް ޕަމްޕްތަކުގެ މައްސަލައަށް މިހާރު މި ކުންފުނިން ފާސްވާ ޢަލިޔުމެއް ހޯދާފައިވާތީ 2020 ވަނަ އަހަރުން ފެށިގެން އެފަދަ ދަތިތައް ތަޙައްމަލް ކުރަން ނުޖެހޭނެ ކަމުގެ ޔަގީންކަން މި ކުންފުނީގެ އެންމެހައި ކަސްޓަމަރުންނަށް އަރުވަމެވެ. މިކުންފުނިން ހިންގައި ބަލަހައްޓަމުންދާ ފެނާއި ނަރުދަމާ ނިޒާމުތަކަށް މިހާތަނަށް ދިމާވެފައިވާ މައްސަލަތަކުގެ %95 އަކީ އެ ނިޒާމުތައް ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ފެނަކައިން ބުންޏެވެ.