Last Updated: July 27, 13:53
Monday, July 27, 2026
ޚަބަރު

ޓެކްސީ ޑްރައިވަރު މަރާލި މީހުން ހޯދަން އާއްމުންގެ އެހީއަށް އެދިއްޖެ

މަރާލި މީހާ އޮތް ސަރަހައްދު -- ފޮޓޯ / އެމްވީ ކްރައިސިސް

ހުޅުމާލޭގައި މިރޭ ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައަކާއި ގުޅިގެން އެމީހާއާ ހަމަލާދިން މީހުން ހޯދުމަށް ފުލުހުން އާއްމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މަރާލާފައި ވަނީ ޓެކްސީ ޑްރައިވަރެކެވެ. ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ މިރޭ ޒަހަމްތަކާއި އެކު އެ ހޮސްޕިޓަލަށް ގެނައި މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ. ފުލުހުން ބުނީ މިރޭ ހުޅުމާލެ ހިތިގަސް މަގުގައި ޒަހަމްތަކާއި އެކު ވެއްޓިފައި އޮތް މީހެއްގެ މައުލޫމާތު ލިބުމާއި ގުޅިގެން އެމީހާ އެމްބިއުލެންސްގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ބުނީ އެމީހާގެ އަތަށާއި ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެމީހާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް މިރޭ 9:50 ހާއިރު ކަމަށެވެ.

މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން، ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލެ އާއި އެއާޕޯޓާ ދެމެދުގެ ޓްރެފިކް ފްލޯ ބަލަހައްޓަމުން އަންނަ އޮފިސަރުން، އެ ދޭތެރޭގައި ދަތުރުކުރާ އުޅަނދުތަކާއި މީހުން ބަލާފާސްކުރަމުން ގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ މި ހަމަލާދިން މީހުން ދެނެގަތުމާއި، ހަމަލާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ، ލަސްނުކޮށް ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން އަންނަނީ އެމީހާއަށް ހަމަލާ ދިން ސަރަހައްދު ބަންދުކޮށް، އެތަނުގައި ހަރަކާތްތެރިވަމުންނެވެ.