ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ހުރިހާ އެންމެންނަށް ދައުވާ ކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމެޓީން ފޮނުވި ރިޕޯޓަށް ބަހުސް ކުރެއްވި މެމްބަރަކު އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ވާހަކަ ދެއްކެވުމާ ގުޅިގެން އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން މަޖިލިހުގެ މެމްބަރަކަށް ފައިސާ ލިބިފައިވޭތޯ ނުވަތަ ނުވޭތޯ ސާފު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ޚިޔާނާތް ތަހުގީގު ކުރާ ކޮމިޝަންގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންތަކަކަށް ތުހުމަތުކޮށްފައިވާ އިރު، އެ މެމްބަރުންނަކީ ކޮން މެމްބަރުންނެއްކަން ނޭނގޭ ނަމަ އެ ތުހުމަތު ރައްދު ވަނީ މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ކަމަށެވެ. އެހެން ކަމުން އެއީ ކޮން މެމްބަރުންނެއް ކަން ނޭނގޭ ނަމަ ހިޔާނާތުގެ ފައިސާ ނުނަންގަވާ މެމްބަރުން "ހިތް ނުތަނަވަސް" ވާނެ ކަން އެނގިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މަޖިލިހުގެ މެމްބަރުންނަށް ތުހުމަތު ކުރެވިފައިވާ އިރު، އެއީ ކޮން މެމްބަރުންނެއް ކަން، މަޖިލިހުގެ މެމްބަރުންނަށް ނުވަތަ ރާއްޖޭގެ ރައްޔިތުންނަށް ސާފުވެވަޑައިނުގަންނަވަނީ ކަމަށްވާ ނަމަ، ތުހުމަތު އެ ރައްދު ވަނީ 87 މެމްބަރުންނަށް. އެހެންވީމަ، މީގައި ސާފު، ސާދާކޮށް ތިއްބެވި މެމްބަރުންގެ ހިތްނުތަނަވަސްވާނެ. މިކަން ސާފު ނުވެ އޮތްހާ ހިނދަކު،" ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ ފައިސާގައި ޖެހުނު ފަރާތްތައް ވަރަށް ސާފުކޮށް، ފުލުހުންނަށާއި އެޓާނީ ޖެނެރަލް އޮފީހާއި އަދި ރިޔާސީ ކޮމިޝަނަށް ވެސް އެނގޭނެ ކަމަށެވެ. އެ ތަހުގީގަށް އެމްޑީޕީން ވެސް އެހީތެރިވެފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް، އެމްޑީޕީއަށް ލިބުމާ ގުޅިގެން އެ ތަކެތި ދެވުނީ ފޮރެންސިކް އެކައުންޓެންޓެއްގެ އަތަށް. އެ ފޮރެކްސިކް އެކައުންޓެންޓްގެ ރިޕޯޓް އޮތް ގޮތަށް ބަންޑާރަ ނައިބާ އެމްޑީޕީގެ ޗެއާޕަސަން ވަނީ ހަވާލުކުރައްވާފައި. ބަންޑަރަ ނައިބު ވަނީ އެ ރިޕޯޓު އޮތް ގޮތަށް ފައިސާ ހޯދާ [ރިޔާސީ] ކޮމިޝަނާ ހަވާޅުކުރައްވާފައި،" އެމްޑީޕީގެ ރައީސް، ނަޝީދު ވިދާޅުވިއެވެ.
ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ބުނެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކާއި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 42 މެމްބަރަކު ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.