ރާއްޖޭގެ ޖަލުތަކަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގާ ހަނގުރާމަތަކަށް މީހުން ރެކްރޫޓު ކުރާ ކިއްލާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޖަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ހަނގުރާމައަށް މީހުން ރެކްރޫޓު ކުރާ އެއް ތަނަކީ ރާއްޖޭގެ ޖަލުތައް ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ އެހެނިހެން ހުރިހާ ބާވަތެއްގެ ކަންކަން ރާއްޖޭގައި ހިނގަނީވެސް ޖަލު ތަކުގައިކަމަށް ނަޝީދު ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި ރާއްޖެއިން ސީރިއާގެ ދާހިލީ ހަނގުރާމައަށް ގޮސްފައިވާ މީހުންގެ އަދަދު 60 ށް ވުރެ ގިނައެވެ. އެގޮތުން ސީރިއާ އަދި އަފްޣާނިސްތާނުގައި ހިނގަމުން އަންނަ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެ، ގިނަ އަދަދެއްގެ ދިވެހިން ވަނީ މަރުވެފައެވެ. ރާއްޖެއަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިން ތަކެއް އަފްގާނިސްތާނުގައިވެސް ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރަށް ރައީސް ނަޝީދުވަނީ ޖަލުގައި ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ ބަޔަކު ޕެރޯލްގެ ހައްގުން މަހްރޫމްގެ އެމީހުންގެ މިނިވަންކަމުގެ ހައްގުން މަހްރޫމްވެފައިވާ ކަމަށް ބުނެ މަޖިލީހުގެ ރައީސަށް އެކި ފަރާތްތަކުން ފޮނުވާފައިވާ ސިޓީތަކާ ގުޅިގެން ވާހަކަ ދައްކަވައިފައެވެ. ނަޝީދު ވިދާޅުވީ އެ ސިޓީތައް ބަލައި ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވި ކަމަށެވެ.
މައްސަލަތައް ބެލުމަށްފަހު ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުވި ސިޓީއާ ގުޅިގެން ނަޝީދު ވިދާޅުވީ ކުދި ކުށްތަކުގައި ދިގު މުއްދަތަކަށް ޖަލުގައި ބަންދުވެފައި ތިބި މީހުންނާއި ޕެރޯލް ނުލިބުމުގެ މައްސަލަތައް ހައްލު ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.