Last Updated: July 27, 12:02
Monday, July 27, 2026
ސިޔާސީ

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް އޮފީހަށް ފޮނުވައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެޓާނީ ޖެނެރަލްގެ އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފި އެވެެ.

އެޓާނީ ޖެނެރަލްގެ ފަރާތުން މި ބިލް ފަރުމާކުރީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އޭޖީ އޮފީހުން ބުނީ ސަރުކާރުން އެފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާއަތުގެ ގާނޫނޫ ތަންފީޒު ކުރަމުގައި ދިމާވަމުންދާ ދަތިތައް ހައްލުކުރުމުގެ އިތުރަށް، އެގާނޫނުގައި އިތުރަށް ބަޔާން ކުރަން ޖެހޭ އިޖުރާއަތުތައް ކަނޑައެޅުމާއި، އެ ގާނޫނުގައި އިތުރަށް ފުރިހަމަ ކުރަން ހުރި މުހިއްމު ކަންކަން ފާހަގަކޮށް އިސްލާހު ގެނައުން ކަމަށެވެ.

ޓެރެރިޒަމްގެ ގަނޫނަށް ގެނައި އިސްލާހުތައް މިހާރު ފާސްކޮށްފައިވާއިރު، އެދެ ގާނޫނު އިސްލާހު ކުރަން ޖެހެނީ ޓެރަރިޒަމުގެ ބޮޑެތި ކުއްތަކުގެ ތުހުމަތު ކުރެވޭ މީހުންނާއި މެދު ގާނޫނީ އިމުގެ ތެރެއިން އަމަލު ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މީހުން ހައްޔަރުކޮށްފައި ބެހެއްޓޭނެ މުއްދަތާއި، ހައްޔަރުކުރުމަށް ފަހު ވަކި ކަންކަން ކުރު؛މަށް މުއްދަތުތަކެއް ދީފައިވާއިރު، ޓެރެރިޒަމް ފަދަ ބޮޑެތި ކުށެއްގެ ތުހުމަތު ކުރެވޭ ފަރާތްތަކާއި މެދު އަމަލު ކުރާނެ ވަކި ގޮތެއް އެގާނޫނުން ކަނޑައަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.