އަންހެނުން ބާރުވެރި ކުރުވައިގެން ލިބޭނީ އުޖާލާކަން ކަމަށް ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާހުތައް ދިރާސާ ކުރުމަށްފަހު ކޮމެޓީގެ މުގައްރިރު ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ ވާހަކަފުޅަށްފަހު ރިޔާސަތުގައި އިންނަވާ އީވާ ވިދާޅުވީ އަންހެނުން ސިޔާސީ ގޮތުންވެސް މާލީ ގޮތުންވެސް ބާރުވެރި ކުރުވުމާއި އެކު މުޅި މުޖުތަމައުއަށްވެސް މުޅި ގައުމަށްވެސް އެކަމުގެ ސަބަބުން މަންފާތަކެއް ކުރާނެ ކަމަށެވެ.
"އަންހެނުން ސިޔާސީ ގޮތުންވެސް މާލީ ގޮތުންވެސް ބާރުވެރި ކުރުވީމާ މުޅި މުޖުތަމައުއަށްވެސް މުޅި ގައުމަށްވެސް އާއިލާއަށްވެސް އާއްމު ފަރުދުންނަށްވެސް އިޖުތިމާއީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުންނާއި އިތުރު ތަނަވަސް ކަމަކާއި އުޖާލާކަން އައުން ނޫން ކަމެއް ނުވާނެ،" އީވާ ވިދާޅުވިއެވެ.
އީވާ މިފަދައިން ވިދާޅުވިއިރު ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމާއި ދެކޮޅަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. ގާސިމް ވިދާޅުވެފައިވަނީ އަންހެނުނަށް ވަކި ކޯޓާއެއް ކަނޑައެޅުމަކީ ގާނޫނު އަސާސީއާއި ހިލާފުކަމެއްކަމަށެވެ. އަދި އަންހެނުންނަށް ކޯޓާއެއް ކަނޑައެޅުމުން ފިރިހެނުންގެ ހައްގުތައް އަންހެނުންނަށް 'އޯވާރައިޑް'ކުރެވޭ ކަމަށެވެ.