އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 37.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވޯޓު ނުދެއްވާ ހަމައެކަނި މެންބަރަކީ ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރުކަން ހާމަވެއްޖެއެވެ.
މި ބަޖެޓު ފާސްކުރީ 77 މެމްބަރުންގެ ވޯޓާއެކުއެވެ. ނަމަވެސް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ. އެއީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ. އެ މައްސަލަ ޖާބިރު ރިޔާސަތުގެ ސަމާލު ކަމަށް ގެންނެވީ އޭނާގެ ވޯޓިން ސިސްޓަމުގައި މައްސަލައެއް އުޅޭ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޖާބިރުގެ ވޯޓިން ސިސްޓަމްގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި ޖާބިރު ވޯޓު ދެއްވީ ބަޖެޓު ފާސްކުރުމާއި ދެކޮޅަށް ކަމަށެވެ.
ބަޖެޓް މިއަދު ފާސްކޮށްފައިވަނީ ބަޖެޓު ދިރާސާކުރި ކޮމިޓީން ނިންމި ގޮތަށް 366 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހުއެވެ. ބަޖެޓަށް ބޮޑަށް އިތުރުކުރީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާއެވެ. އިތުރުކުރި ބަޔަށް ފައިސާ ހޯދަން ނިންމާފައިވަނީ 929 މިލިއަން ރުފިޔާގެ ޓީބިލު ވިއްކައިގެންނެވެ.
މި އަހަރުގެ ބަޖެޓަކީ 5.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެކެވެ. އާމްދަނީގެ 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު އަންނަ އަހަރުގެ ބަޖެޓުގައި 35.6 ބިލިއަން ރުފިޔާއަކީ ޖުމްލަ ހަރަދެވެ.
އަންނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ބަހާލައިފައި ވަނީ މައިގަނޑު ފަސް ދާއިރާއަކަށެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ލިބެނީ ޓެކްސްގެ ގޮތުގަ އެވެ. އެއީ 17.8 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން އާމްދަނީގެ ތެރޭގައި ހިމެނެނީ ޓެކްސް ނޫން އެހެން ގޮތްގޮތުން ލިބޭ 6.8 ބިލިއަން ރުފިޔާ އާއި ހިލޭ އެހީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ 5.2 ބިލިއަން ރުފިޔާ އެވެ.