އައްޑޫ ސިޓީ މަރަދޫފޭދޫ އަށް ވަކި ކައުންސިލް ގޮނޑި އެއް ލިބޭ ގޮތަށް ހަދައިފިއެވެ.
މިގޮތަށް ހަދާފައި މިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ދިރާސާކޮށް ލާމަރުކަޒީ ކޮމެޓީގެ ރިޕޯޓަށް މިއަދު އެމްޑީޕީ މެންބަރުން ހުށަހެޅި އިސްލާހެއްގައެވެ. މި އިސްލާހު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްވިއެވެ.
އިސްލާހުގައި ބުނެފައިވަނީ ސިޓީ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރުމުގައި ވަކި ރަށަކަށް ނުވަތަ ވަކި އިދާރީ ދާއިރާއަކަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އިދާރީ ގޮތުން ވަކިވަކި ރަށްތަކެއްގެ ގޮތުގައި ހިނގަމުން އައި ރަށްތަކެއް އެކުވެގެން އެކުލަވާލާފައިވާ އެއް ރަށުގެ ގޮތުގައި ކަމުގައިވާނަމަ އެ ސިޓީއެއް ނިސްބަތްވާ ސިޓީ ކައުންސިލަށް މެމްބަރުން އިންތިހާބު ކުރަންވާނީ އެ ރަށް ނުވަތަ އިދާރީ ދާއިރާއެއް ސިޓީއެއްގެ ދަރަޖަ ދިނުމުގެ ކުރިން އިދާރީގޮތުން ވަކި ރަށްތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައަޅާފައި އޮތް ކޮންމެ ރަށަކަށް މަދުވެގެން އެއް މެމްބަރު އިންތިހާބު ކުރެވޭ ގޮތަށް ކަމަށެވެ.
މަރަދޫފޭދޫ އަށް ވަކި ކައުންސިލް ގޮނޑިއެއް ލިބޭ ގޮތަށް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްވެފައިވާއިރު، މިހާރު މަރަދޫފޭދޫ އޮންނަނީ ވަކިން އޮންނަ މީދޫ ދާއިރާގެ ބައެއްގެ ގޮތުގަ އެވެ. އެހެންވެ، މަރަދޫފޭދޫގެ ބައެއް ހައްގުތައް ގެއްލޭ ކަމަށް އެ ދާއިރާގެ ބައެއް ރައްޔިތުން އަބަދުވެސް އަންނަނީ ބުނަމުންނެވެ.
މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ދިމާކޮށް މަރަދޫފޭދޫ ވަކި ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް ސިވިލް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ.