Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭ ގޮތަށް ފުލުހުންގެ ބިލު ފޮނުވައިފި

ޕޮިސް ރިފޯމް ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ / މިހާރު

ވަކިވަކި ފުލުހުންނަށް ހޯމް މިނިސްޓަރަށް އަމުރުނުކުރެވޭ ގޮތަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލު"ގެ ނަމުގައި ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޓަކައި ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ފުލުހުންގެ ހިދުމަތުގެ ބިލެއް ސަރުކާރުން ހުށަހަޅަން ނިންމީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނު އަސާސީ އާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ހައްގުތަކަށް އިހްތިރާމުކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.

ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ހޯމް މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަށް މިހާރުގެ ފުލުހުންގެ ގާނޫނުގައިވާ ވަރަށްވުރެ ސާފުކޮށް ބަޔާން ކުރުން އެ ބިލްގައި ހިމެނެ އެވެ. އެ ގޮތުން ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރު ނުކުރެވޭނެ ކަމުގައި ބިލްގައި ކަނޑައަޅާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އަލަށް ހުށަހަޅާ ފުލުހުންގެ ބިލުގައި ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަގާމުގެ ޝަރުޠުތައް ކަނޑައަޅާނެއެވެ. އަދި ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައަޅާނެ ކަމަށް ބަންޑާރަ ނާއިބު އޮފީހުން ބުންޏެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު މެދުވެރިކޮށް އިސްލާހިކުރުމަށް ހުށަހެޅޭ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނެނީ:

• ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ފުލުހުންގެ ޚިދުމަތެއް، ލާމަރުކަޒީ އުސޫލުން، އިދާރީ ދާއިރާތަކުގައި ފޯރުކޮށްދެވޭނެ އުސޫލު ތަޢާރުފުކުރުން؛
• ފުލުހުންގެ ޒިންމާތައް އަދާކުރުމުގައި، ޤާނޫނުގެ ދަށުން ފުލުހުންނަށް ލިބިދޭ ބާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވަނީ ކަމާގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އެ އުސޫލުތަކުގެ ދާއިރާގެ ތެރޭގައިކަން ކަނޑައެޅިގެން ބަޔާންކުރުން؛
• ކޮމިޝަނަރ އޮފް ޕޮލިސް އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް މީހުން ޢައްޔަންކުރުމުގެ އިޖުރާއަތު އިތުރަށް ހަރުދަނާކޮށް، މަޤާމުގެ ޝަރުޠުތައް ކަނޑައެޅުން؛
• ޤާނޫނުއަސާސީއާއި ޤާނޫނުގެ ދާއިރާގެ ތެރޭގައި ފުލުހުންގެ ޚިދުމަތް ހިންގުމަށް ކޮމިޝަނަރަށް ދޭންޖެހޭ މަޝްވަރާއާއި ލަފާ ދިނުމަށާއި، އެކަންކަން އެގޮތަށް ހިނގަމުންދާކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނަރަށް ލަފާދޭ ބަޔަކު ތިބެންވާނެ ކަމަށް ކަނޑައެޅުން؛
• ވަކިވަކި ފުލުހުންނަށް މިނިސްޓަރަށް އަމުރުނުކުރެވޭނެ ކަމުގައި ކަނޑައެޅުމާއެކު، ފުލުހުންގެ ޚިދުމަތާގުޅޭ ކަންކަމުގައި މިނިސްޓަރުގެ ޒިންމާތަކާއި މަސްއޫލިއްޔަތު މިހާރަށްވުރެ ސާފުކޮށް ބަޔާންކުރުން؛
• ތަޙްޤީޤުތައް ހިންގުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ދައުރު ބަޔާންކުރުން؛
• ފުލުހުންގެ ޚިދުމަތް ޖަވާބުދާރީކުރުވުމުގައި 241 ކޮމިޓީގެ ދައުރު ބަޔާންކުރުން؛
• ކުށްކުރުން ހުއްޓުވުމާއި، އަމަން ބެލެހެއްޓުމާ ގުޅޭގޮތުން ފުލުހުންނަށް ލިބިދޭ ބާރުތައް އިތުރަށް ތަފްޞީލުކޮށް ބަޔާންކުރުން؛