Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

މާލެއިން 6 އަދި އައްޑޫއިން އަންހެނުންނަށް 4 ގޮނޑި ހާއްސަކޮށްފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު - ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ކައުންސިލްތަކުގެ ތިންބައި ކުޅަ އެއްބައި އަންހެންކަނބަލުންނަށް ހާއްސަ ކުރުމުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ ކައުންސިލުން އަންހެނުންނަށް ހަ ގޮނޑި ހާއްސަ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ރައީސް ޝަރީފް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހުތަކާއި އެކު އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން މިހާރު ކުރިއަށް ގެންދަމުންދާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ އިން މޭޔަރާއެކު 19 ގޮނޑި އަށް މީހުން އިންތިހާބު ކުރާނެ ކަމަށެވެ. މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގައި ހިމެނޭނީ 18 ގޮނޑި އެވެ. އައްޑޫ ސިޓީ ކައުންސިލްގައި މޭޔަރާއެކު 13 ގޮނޑި ހިމެނޭއިރު އެ ސިޓީގެ އަންހެނުން ކޮމެޓީ އަށް 10 މެންބަރުން އިންތިހާބު ކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީން މޭޔަރާއި އެކު ހަތް މެންބަރުން އިންތިހާބު ކުރާއިރު އަންހެނުން ކޮމެޓީގައި ހަ މެންބަރުން ތިބޭނެއެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުން ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އޮންނާނެ ގޮތް އިލެކްޝަނުން މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ހަ ގޮނޑި ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ހަތަރު ގޮނޑި ހިމެނޭއިރު ފުވައްމުލަކު ސިޓީ ކައުންސިލުން އަންހެނުންނަށް ހާއްސަ ދެ ގޮނޑި ހިމެނެއެވެ.