Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޝާހިދުގެ ޝުކުރު ސީޕީ ރިޔާޒަށް!

ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު. ފޮޓޯ/ ވީއޯއެމް

ހުޅުމީދޫގައި ޒަމާނީ ފެންވަރުގެ ޕޮލިސް ސްޓޭޝަނެއް ޤާއިމު ކުރުމަށް ސަރުކާރުން ނިންމަވައި އެ ސްޓޭޝަންގެ ބިންގާ ރަސްމީ ގޮތުން އެޅުމާއި ގުޅިގެން އައްޑޫ ޑެޕިއުޓީ މޭޔަރު ޙުސައިން ޝާހިދު ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އަށް ޝުކުރު އަދާ ކުރައްވައިފި އެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެބްރުއަރީ 7، 2012 ގައި ގަން ޕޮލިސް ސްޓޭޝަނުގައި ހުޅު ޖަހައި ރޯކޮށްލި މައްސަލާގައި ފުލުހުން ހައްޔަރުކޮށް، ފަހުން ދޫކޮށްލާފައިވާ ޝާހިދު ވިދާޅުވީ ހުޅުމީދޫގައި ޕޮލިސް ސްޓޭޝަންގެ އާ އިމާރާތެއް ޤާއިމުވެގެން ދިއުމަކީ އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަަމެއް ކަމަށެވެ.

އަދި އެކަން ވެގެން ދިއުމަކީ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އެހެން ކަމުން މި ޕްރޮޖެކްޓްގެ މަސައްކަތް އެރަށުގައި ފެއްޓެވުމަށް ކޮމިޝަނަރު އޮފް ޕޮލިސް އަދާކޮށް ދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް ހުޅުމީދޫ ރައްޔިތުންގެ ނަމުގައި ރިޔާޒް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރެއްވި އެވެ.

ޑެޕއުޓީ މޭޔަރުގެ ވާހަކަފުޅުގައި ހުޅުމީދޫ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުންގެ މަސައްކަތްތަކަށްވެސް ވަރަށް ބޮޑަށް ތަޢުރީފުކުރައްވައި ވާހަކަފުޅު ދެއްކެވި އެވެ.

އެގޮތުން ޚާއްސަ ގޮތެއްގައި އިޖުތިމާޢީ ހަރަކާތްތަކުގައާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ މަސައްކަތްތަކުގައި ފުލުހުންގެ ބައިވެރިވުން އޮންނަކަން ފާހަގަ ކުރައްވައި އެކަމަށްޓަކައި ފުލުހުންނަށް ޝުކުރު އަދާ ކުރެއްވި އެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޑެޕިއުޓީ މޭޔަރު ވިދާޅުވީ ހުޅުމީދޫގެ ކްލަބް ޖަމްޢިއްޔާއަކުން ވިޔަސް ރަށު ކައުންސިލުން ވިޔަސް އަދި ޤައުމީ ފެންވަރުގައި ދުވަހެއް ފާހަގަ ކުރި ކަމުގައި ވިޔަސް އެކަމުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި ބަހައްޓާ ޝަޢުޤުވެރިކަން ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަަމަށެވެ.

ހުޅުމީދޫގެ އާންމު ރައްޔިތުންވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މޭޔަރު ވަނީ ތަރައްޤީ ހޯދުމުގައި އަމާން މުޖުތަަމަޢެއް ބިނާ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވާ ވާހަކަފުޅު ދައްކަވާފަ އެވެ.

އެގޮތުން ޒަމާނުއްސުރެ އަޅާ ނުލައި ދޫކޮށްލެވިފައިވުމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމަޢު ކިލަނބުވެ ބައިބައިވުން އުފެދިފައިވާ ކަމުގައި ވިދާޅުވި އެވެ.

އަދި ތަރައްޤީއެއް ހޯދުމަށް ބޭނުން ވަނީ ނަމަ މުޖުތަމަޢުގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމި އޮތުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި އެވެ.