Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އެއާޕޯޓުން ނަގާ ފީ ބޮޑުކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރެ --

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ (އޭޑީއެފް) ބޮޑުކުރުމަށް ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. ނަމަވެސް ބިލުގެ އަމަލީ މަސައްކަތް ފެށޭނީ ދެން އަންނަ އަހަރުގެ ފުރަތަމަ ދައުރުގައެވެ.

މި ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައި މިވަނީ އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ނަގާ ފީ ބޮޑުކުރަން ހިމަނާފައިވާތީއެވެ. ބަޖެޓުގައި ހިމަނާފައިވަނީ އޭޑީއެފްގެ ގޮތުގައި ނަގާ ޓެކްސް، ގިންތިކޮށް ބިޒްނަސް ކްލާހާއި ފަސްޓް ކްލާހުން ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑު ކުރުމަށެވެ.

އެގޮތުން ބިޒްނަސް ކުލާހުން ދަތުރުކުރާ މީހުންގެ އަތުން ނަގާ ފީ 60 ޑޮލަރަށް ބޮޑުކުުރުމަށް ބަޖެޓުގައި ހިމަނާފައިވާއިރު ފަސްޓް ކުލާހުން ދަތުރު ކުރާ މީހުންގެ އަތުން 90 ޑޮލަރު ނަގަން ވަނީ ހިމަނައިފައެވެ. މި ފީ ނެގުމުގައި ދިވެހިންނާއި ބިދޭސިންގެ މެދުގައި ތަފާތުކުރުމެއް ނުގެންގުޅޭނެއެވެ. އެހެންނަމަވެސް މިހާރު އޮންނަ ގޮތުން ދޭސީންނާއި ބިދޭސީންގެ މެދުގައި ނަގާ ފީގެ އަގު ތަފާތެވެ. އެގޮތުން ވީއައިއޭއިން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު ނަގާއިރު ކޮންމެ ބިދޭސީންގެ އަތުން 25 އަންނަނީ ނަގަމުންނެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ އޭޑީއެފް ރޭޓު ބޮޑު ކުރެވޭނެހެން ގާނޫނަށް އިސްލާހު ގެނެސް ދިނުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު އޭރު ވިދާޅުވީ އޭޑީއެފް ނަގާ ރޭޓުތަކަށް ގެންނަ ބަދަލުުން ބަޖެޓަށް އިތުރަށް 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. މި ފީއިން އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އަދި އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.

އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަންފެށީ 2017 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ. އެ ފީއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށާއި ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ނަގަންފެށި ފީ އެކެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީ ނަގަނީ ޓިކެޓު އަގުގައި ހިމަނައިގެންނެވެ.