ކުރިޔަށްހުރި ދުވަސްތަކުގައި ރާއްޖޭގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީ ފަރުވާއަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅޭ ދިވެހީންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ސަރުކާރުން އެންމެ އިސްކަންދެއްވާ ކަމަކީ ތަޢުލީމާއި ޞިއްޙީ ޚިދުމަތް ކުރިއެރުވުން ކަމަށް ވިދާޅުވެ ނައިބު ރައީސް ވަނީ ރާއްޖޭގެ ރަށްތަކުގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށާއި ރަށުން ލިބޭ ޞިއްޙީ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށްއޮތް ދުވަސްތަކުގައި ތަޢުލީމާއި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައި އިންޤިލާބީ ކުރިއެރުންތަކެއް ހާޞިލްކުރެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާން ވަނީ ދެއްވާފައެވެ.
ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކާއެކު ރަށްރަށުގައި ދެވޭ ތަޢުލީމާއި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަކީ ތޫނުފިލި ދަރިވަރުންތަކެއް ކަމަށާއި އެކި ދާއިރާތަކުން ރާއްޖެ ކުރިއެރުވުމުގައި ދިވެހީންގެ ހިއްސާ ބޮޑުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރިޔަށްދިއުމުގައި ބޭނުންވާ ޓީޗަރުންނާއި ޑޮކްޓަރުންނާއި އިންޖިނޭރުން އަދި މިނޫންވެސް އެކިއެކި ފަންނުތަކުން ކުރިއަރާފައިތިބި ފަރާތްތައް ދިވެހި ޤައުމަށް ވަޑައިގެން ޚިދުމަތަށް ނުކުންނެވުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅުނު ނަމަވެސް ދަރީން ތަރުބިއްޔަތު ކުރުމުގައި މުޖުތަމަޢަށް ފައިދާހުރި ދަރީންތަކެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށާއި އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުން ދަރީންނަށް ނަމޫނާ ދެއްކެވުމަށްވެސް ނައިބު ރައީސް އިލްތިމާސްކުރައްވާފައިވެއެވެ.