Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް، ފަނޑިޔާރަކަށް ސުއޫދު އައްޔަންކުރަން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް ޢަދުނާނު އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ސުއޫދު އައްޔަން ކުރަން 64 މެންބަރުން ވޯޓު ދެއްވިއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި މުއުތަސިމް އަކީ މީގެކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމު އަދާކުރައްވާފައިވާ ފަރާތެކެވެ. އަދި ސުއޫދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލާފައިވާ މަރުތަކާ ބެހޭ ކޮމިޝަނުގެ ރައީސްކަން ކުރައްވަމުން ގެންދެވި ފަރާތެވެ.

މި ދެ ބޭފުޅުންގެ އިތުރުން ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ރައީސް ސޯލިހު ފޮނުއްވި އަބްދުއްރައޫފް އިބްރާހިމްގެ ނަންފުޅެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ތިން ޝަކުވާއެއް ޖޭއެސްސީ އަށް ލިބިފައިވާތީ އެ ޝަކުވާތަކާ މެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާ މެދު ރައީސަށް މަޝްވަރާ ދިނުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވެފައިވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީއާ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރެއްވުމާއި ފަނޑިޔާރު އަބްދުﷲ އަރީފު މަގާމުން ރިޓަޔާ ކުރެއްވުމުންނެވެ.