Last Updated: July 27, 12:02
Monday, July 27, 2026
ޚަބަރު

އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރަން ފާހެއް ނުވި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

އާންމުންގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ކަނޑައަޅާ މީހަކު އައްޔަން ކުރަން މަޖިލީހުގައި މިއަދު ވޯޓު ނެގި ނަމަވެސް އެއްވެސް ފަރާތަކަށް ރުހުން ދިނުމަށް ފާހެއް ނުވިއެވެ.

އާއްމުންގެ ތެރެއިން ޖޭއެސްސީއަށް މެންބަރަކު އައްޔަން ކުރުމަށްޓަކައި މަޖިލީހުން ކުރި އިއުލާނަށް 6 ފަރާތަކުން ކުރިމަތިލިއެވެ. ޖޭއެސްސީއަށް އާންމުގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތި ލައްވާފައިވާ ބޭފުޅުންނަކީ ޒުބައިރު އަޙްމަދު މަނިކާއި، ޢަލީ މުޙައްމަދު މަނިކާއި، އަޙްމަދު ނިޤްމާދާއި، އަޙްމަދު ސާވީއާއި، މިރުފަތު ފާއިޒްގެ އިތުރުން ހުސެއިން އަމްރުއެވެ.

ޖުޑީޝަރީ ކޮމެޓީން މި ބޭފުޅުންނާއި އިންޓަވިއު ކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާ ދެ ނަމަކީ ހުސައިން އަމްރުއާ އަހުމަދު ސާވީއެވެ. މީގެކުރިންވެސް ޖޭއެސްސީއަށް އާއްމުންގެ ފަރާތުން އައްޔަން ކުރާނެ ފަރާތެއް ހޯދަން އިއުލާނުކުރިއެވެ. އެހެންނަމަވެސް އެފަހަރު އެ ނަންތަކަށް ކޮމެޓީ މަރުހަލާގައި ތާއީދެއް ނުލިބުނެވެ.

މިއަދުގެ ވޯޓުގައި ހުސައިން އަމްރުއަށް ރުހުން ނުދޭން 60 ބޭފުޅުން ވޯޓު ދެއްވިއެވެ. އެއް މެމްބަރަކު އޭނާއަށް ރުހުން ދިނުމަށް ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. އަހުމަދު ސާވީއަށް ރުހުން ނުދިނުމަށް ވޯޓު ދެއްވީ، 62 މެމްބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވަނީ، އެއް މެމްބަރެކެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ، އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރަކާއި ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށެވެ.