Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

އިންޑިއާގެ ލޮކް ސަބާއާއެކު އެއްބަސްވުމުގައި ސޮއިކުރަން ރުހުން ދީފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ / މަޖިލިސް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކް ސަބާ އާއެކު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން އެއްބަސްވުމެއްގައި ސޮއިކުރަން މަޖިލީހުން ރުހުން ދީފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މި އެމްއޯޔޫގައި ސޮއިކުރަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި އެމްއޯޔޫގައި ސޮއިކުރަން 68 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކިކޮޅަކަށް ޖެހިވަޑައި ނުގެން އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

އިންޑިއާގެ ތިރިގި، ލޮކް ސަބާއާ އެކުގައި އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ފަހު ދައުރުގެ އެންމެ ފަހު ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިންޑިއާގެ ލޮކް ސަބާ އާއި ރައްޔިތުންގެ މަޖިލީހާ ދެމެދު އެ އެމްއޯޔޫގައި ސޮއިކުރާނީ، މަޖިލީހުގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް މިމަހުގެ ނުވަޔަކުން 13 އަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގެ ތެރެއިން ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ބަދަހި ކުރުން ކަމަށެވެ. އެގޮތުން ދެ ފަރާތުން ވެސް ބަރުލަމާނީ ގުޅުން ބަދަހިކޮށް ރަނގަޅު ކުރުމަށް ބާރުއަޅާ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހި ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"މީގެ އިތުރުން ދެ ފަރާތުން ވެސް ގަވާއިދުގެ ތެރެއިން މައުލޫމާތު ބަދަލު ކުރުމާއި ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބަރުލަމާނީ އެއްބާރުލުން ކުރިއަރުވާ މަގުފަހި ކުރުމަށް ވެސް މަގުފަހިވެގެން ދާނެ،" އެއްބަސްވުމުން ލިބިގެން ދާނެ ކުރިއެރުންތައް ހިއްސާ ކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ދާދި ފަހުން ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންތަކެއް ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.