ދެހާސް ތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ކުރައްވައިފިއެވެ.
"އާސްކް ސްޕީކާސް" މިނަމުގައި ރައްޔިތުން މަޖިލީހުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި ޕްރޮގްރާމެއްގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ވިސްނުން އަދި އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބެއްގައި ވާދަ ކުރުމަށް އެމަނިކުފާނުގެ އުމުރުވެސް ތަން ދޭ ކަމަށާއި އަދި ސިޔާސީ ކަންކަމުން އެމަނިކުފާނު ދުރަށް ދިއުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ހިތަކަށް ނުވަދޭ އެއްވެސް އިރެއްގައެއް، އެހާ ބާރަކަށް ގޮސް ރިޔާސީ އިންތިހާބަށް ކުރިމަތިލާކަށް. އެހެންނަމަވެސް އަޅުގަނޑުގެ އުމުރެއް ވެސް މަދެއް ނޫން. އަދި އަޅުގަނޑަށް ސިޔާސީ ކަންކަމުން ދުރަށް ޖެހޭކަށް ގަސްދެއް ވެސް ނުކުރަން. ކުރިއަށްއޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން އަދި އަޅުގަނޑު ނުވިސްނަން. އަޅުގަނޑަށް ފެންނަ ގޮތުގައި މިހާރަށް ކުރަން ހުރި މަސައްކަތްތައް ވަރަށް ގިނަ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެކީގައި، އަޅުގަނޑުމެން ދެމީހުންނަށް އެބަ ވަރަށް ގިނަ މަސައްކަތް ކުރެވޭ. އަޅުގަނޑު ދެކޭގޮތުގައި ކުރިއަށްއޮތް ތަނުގައި ވެސް ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ނިޒާމަކަށް ތާއީދުވެސް ކުރައްވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންނަމަވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލުކުރާނީ އެގޮތަށް ރައްޔިތުން ބޭނުންވާ ކަމަށް ވާނަމަ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމު ކަނޑައަޅާނީ ދިވެހި ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނު އެފަދަ މަސައްކަތެއް ފަށާނީ މުޅި އެމްޑީޕީން އެ ގޮތް ބޭނުންވެއްޖެނަމަ ކަމަށްވެސް ރަައީސް ނަޝީދު ވިދާޅުވިއެވެ.
"ވެރިކަމުގެ ނިޒާމަށް ބަލާއިރު އަޅުގަނޑަކީ އަބަދުވެސް ބަރުލަމާނީއަކަށް ނުވަތަ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރާ މީހެއް. އެ މަސައްކަތް އަޅުގަނޑު ކުރާނީ އެމްޑީޕީގެ ތެރެއިން އެކަން ކުރަން ގިނަ ރައްޔިތުންތަކެއް ތިބި ކަމަށްވާނަމަ. އެމްޑީޕީގެ ތެރެއިން މަދު ބަޔަކު އެކަން ކުރަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ ދެއްތޯ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިރޭގެ ޕްރޮގްރާމުގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނަށް އާއްމު ކުރެއްވި ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އޭގެތެރޭގައި އެމަނިކުފާނުގެ މަގާމުގެ މަސްއޫލިއްޔަތާއި ވެސް ސީދާ ގޮތުން ގުޅުމެއް ނެތް ސުވާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދާރީވެފައެވެ.