Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ހުއްދަ ނެތި ގެދޮރު ކުއްޔަށް ދިނުން މަނާކުރަނީ

ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި ދަފްތަރު ކުރުމަކާއި ނުލައި ކުއްޔަށް ތަންތަން ދިނުން މަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން، މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު ހުށަހަޅުއްވާފައިވާ، ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލުގައި ބުނެފައި ވަނީ އެ ބިލުގައި ބަޔާން ކުރާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސިޓީއެއްގައިވާ ނަމަ ސިޓީ ކައުންސިލަށް އަދި ރަށެއްގައި ނަމަ ރަށު ކައުންސިލަށް ތަނެއް ކުއްޔަށް ދޭން އުޅޭ ކަމަށް އެދި ހުއްދައަށް އެދެން ޖެހޭނެ ކަމަށެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހިލާފަށް އެއްވެސް ތަނެއް ކުއްޔަށް ދިނުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ތަނެއް ކުއްޔަށް ދޭއިރު އެތަނުގެ ވެރި ފަރާތުގެ ލިޔުމެއް ހުށަހަޅަން ޖެހެ އެވެ. އަދި އެތަނަކީ މި ބިލުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާ ތަނަކަށް ވާން ޖެހެ އެވެ.

މި ބިލުގައި ޓެނަންސީ ބޯޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. ޓެނަންސީ ބޯޑުގެ ލިސްޓެއް ހައުސިން މިނިސްޓަރު އެކުލަވާލުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވަން ޖެހެ އެވެ. އެ ބޯޑަށް މެންބަރުން އައްޔަން ކުރަން ވާނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ބޯޑުގެ މެންބަރުންނަށް ލިބިދޭ އުޖޫރަ ކަނޑައަޅާނީ ފިނޭންސް މިނިސްޓަރެވެ.

ބިލުގައި ބަޔާން ކުރާ ގޮތުގައި ބިލު ފާސްވެ ގާނޫނަކަށްވެ، އަމަލު ކުރަން ފަށާ ފަހުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށް ދިނުމަށް ހުއްދަދޭ އެންމެހާ ތަންތަނުގެ ދަފްތަރު އެތަނެއް ކުއްޔަށް ދިނުމަށްޓަކައި ހުއްދަ ދިން ފަރާތުންނާއި ޓެނަންސީ ބޯޑުން ބަލަހައްޓަން ވާނެ ކަމަށެވެ.

އެގޮތުން ސިޓީއެއްގައި ނަމަ ސިޓީ ކައުންސިލުން އަދި ރަށެއްގައި ނަމަ ރަށު ކައުންސިލުން ކުއްޔަށް ދިނުމަށް ހުއްދަ ދޫކޮށްފައިވާ އެންމެހާ ތަންތަނުގެ ދަފްތަރެއް ބިލު ފާސްވެ ގާނޫނަށް އަމަލު ކުރަން ފަށާ ހިސާބުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ދަމަހައްޓަން ވާނެ ކަމަށެވެ. އަދި މުޅި ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ކުއްޔަށް ދިނުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ދަފްތަރެއް ވެސް ބަލަހައްޓަން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.