ރަޖިސްޓްރީ ނުކޮށް ތައުލީމު ދޭ އެއްވެސްތަނެއްގައި ޓީޗަރުން މަސައްކަތް ކުރުމަކީ މަނާ ކަމެއްގެ ގޮތުގައި ހެދުމަށް ތައުލީމީ ބިލްގެ ނަމުގައި މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު ހުށަހެޅުއްވި އެ ބިލުގައި ލާޒިމުކޮށްފައިވަނީ ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށެވެ. އެގޮތުން ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނުލައި ރާއްޖޭގައި ހިންގާ އެއްވެސް ސުކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ނުވާނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
ޓީޗަރުން ރަޖިސްޓްރީވުމަށް ޓީޗާސް ރަޖިސްޓްރޭޝަންގެ ނަމުގައި ކައުންސިލެއް ހަދަންޖެހެއެވެ. އެއީ މި ގާނޫނަށް [ތައުލީމުގެ ގާނޫނަށް] އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައެވެ.
ތައުލީމުގެ ބިލު ފާސްވެ ގާނޫނަށްކަށްވެސް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭގައި މިހާރު ކިޔަވައިދޭ ތަންތަންވެސް ގާނޫނާ އެއްގޮތަށް ރެޖިސްޓްރީކުރަން ޖެހޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ބިލުގައި ލައިސަންސަކާއި ނުލާ ކިޔަވާ ދޭ ތަނެއް ހިންގުމަކީވެސް މަނާ ކަމެކެވެ. އެހެންނަމަވެސް ލައިސަންސްއަކާ ނުލައި ކިޔަވައި ނުދެވޭނެ ތަންތަނުގެ ތެރޭގައި ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކާއި، ނާސަރީ އަދި ބޭބީ ނާސަރީ އާއި ޕްރީސުކޫލުތަކުގެ އިތުރުން ޓިއުޝަން ސެންޓަރުތަކާއި ޓިއުޝަން ކްލާސްތައް ހިމެނެއެވެ.