މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު "އައްޑޫލައިވް"އަށް މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ސުއޫދު އައްޔަން ކުރަން ފާސް ކުރުމުން މަރު ކޮމިޝަނުގެ ރައީސްގެ މަގާމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ސުޕްރޯމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ސުއޫދު އައްޔަންކުރަން ފާސްކުރީ އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި 62 މެންބަރުންގެ ވޯޓުންނެވެ. ސުއޫދު އެ މަގާމަށް އައްޔަންކުރަން ފާސްކުރެއްވި ނަމަވެސް އަދި މަގާމާ ރަސްމީކޮށް ހަވާލުވެލައްވާނީ މަގާމުގެ ހުވާ ރައީސުލްޖުމްހުރިއްޔާ ކުރިފުޅުމަތީގައި ކުރެއްވުމަށްފަހުއެވެ.
ސުއޫދަކީ ކުރީގެ ބަންޑާރަ ނާއިބުކަން ވެސް ކުރައްވާފައިވާ ރާއްޖޭގެ ގާނޫނީ ވަކީލުންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ މަޝްހޫރު ވަކީލެކެވެ. އެގޮތުން ބޮޑެތި މައްސަލަތަކުގައި ސުއޫދު ވަނީ މީގެކުރިން ވަކާލާތު ކުރައްވާފައެވެ. މަރު ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވެސް ސުއޫދު ވަނީ މިހާތަނަށް އާއްމުން އެ މަރުތަކުގެ ހަގީގަތް ބަލަން ބޭނުންވި ގިނަ މަރުތަކެއްގެ ހަގީގަތް ހޯދައި ދެއްވާފައެވެ.