Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

އަނިޔާވެރިވުމަށް ގޮވުމަކީ ތަހުޒީބު މުޖުތަމައުއަކަށް ބަލައިގަނެވޭނެ ކަމެއް ނޫން: އެމްޑީޕީ

އެމްޑީޕީން ބޭއްވި އެއްވުމެއްގެ ތެރެއިން --

ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އަނިޔާވެރިވުމަށް ގޮވާލުމަކީ 21ވަނަ ގަރުނުގެ ތަހުޒީބު މުޖުތަމައުއަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް "މަރުގެ އިންޒާރު" ދިނުމުން އެކަން ކުށްވެރިކޮށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ވިލޭރޭ މާލޭ މަޖީދީމަގު އިރުމަތީ ފަރާތުން، ބޮޑުތަކުރުފާނު މަގާއި ބައްދަލުވާ ހިސާބުން ސައިކަލެއްގައި އައި ދެމީހަކު މަރާލާނެކަމަށް ބުނެ، އެޕާޓީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށް އިންޒާރު ދީފައިވާ ކަމަށެވެ. އޭނާއަށް އިންޒާރުދީފައިވަނީ ޓްވިޓަރ މެދުވެރިކޮށް ދެއްކި ވާހަކަތަކަކަށް އިޝާރާތްކޮށް ކަމަށްވެސް އެމްޑީޕީން ބުނެއެވެ. ަަ

"ހިިޔާލު ތަފާތުވާ ކޮންމެ ހިނދެއްގައި، ޖިސްމާނީ އަނިޔާގެ އިންޒާރު ދިނުމާއި، އަނިޔާވެރިކަން އިސްކުރުމީ 21 ވަނަ ގަރުނުގެ ތަހުޒީބު މުޖުތަމައެއްގައި ބަލައިގަނެވޭނެ ފަދަ ކަމެއް ނޫނެވެ. އަދި އިންސާނުންގެ މެދުގައިވާ ދެބަސްވުމާއި، ހުންނަ ހިޔާލު ތަފާތުވުން ނައްތާލުމަށް ޖާހިލިއްޔަ ޒަމާނުގައި އަމަލުކޮށް އުޅުނު ގޮތްމެއެވެ،" އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ އެ އަމަލަކީ ސީރިއަސް ނަޒަރެއްގައި އެކަމުގެ މައްޗަށް ފިޔަވަޅު އަޅަން ލާޒިމުވާފަދަ ޖިނާއީ ކުށެއް ކަމަށެވެ. އެބާވަތުގެ ހަރުކަށި އަމަލުތަކުން ކުރިފަޅާ ހެދި، އުފެދޭ ރުޅިވެރިކަމާއި، ފިތުނައިގައި ކިތަންމެ ބައެއްގެ ފުރާނައަށް ގެއްލުންވާ ހިސާބަށް މި ފަހުން ކަންގޮސްފައި ހުރިކަން ފާހަގަކޮށް އެމްޑީޕީން ބުނީ

އެ އަމަލު ހިންގި ފަރާތް ހޯދާ، އެކަށީގެންވާ ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާ، ކަމާބެހޭ ފަރާތްތަކުގެ މައްޗަށް ގޮވައިލާ ކަމަށެވެ. އަދި ދެބަސްވުމާއި، ހިޔާލު ތަފާތުވުމުގެ ކުރިމަތީގައި، ބުއްދިއާއި، ހިކްމަތް ކުރިއަށްނެރެ މަޝްވަރާއާއި، ނަސޭހަތުގެ އިސްލާމީ ރިވެތި އުސޫލު ކުރިއަށް ނެރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށްވެސް އެމްޑީޕީގެ ނޫސްބަޔާނުގައިވެއެވެ.

މަރުގެ އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގައި ނައުޓީ މެޓޮކްސްގެ ނަމުން މަޝްހޫރު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓަކަށެވެ.