Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ދައުލަތުގެ ބެލުމުގެ ދަށަށް 11 ކުއްޖަކު ނެގުމުގެ އަމުރަކަށް އެދިއްޖެ

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްތަކައި އެ ކުދިންގެ ގާނޫނީ ބެލެނެވެރިކަން ދައުލަތާ ހަވާލު ކޮށްދިނުމުގެ އަމުރަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން ފެމެލީ ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ހަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ 18 މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، އުމުރުން 6 މަހާއި 13 އަހަރާ ދެމެދުގެ 11 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ގާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި، އެ އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި، ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް ލިބިފައިވާ ހައްގެއްކަމުގައި ބަޔާންކޮށްފައިވާއިރު، އެ ހައްގު ހިމާޔަތްކޮށް ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައި ގާނޫނުއަސާސީގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމައުން ނުވަތަ އާއިލާއިން އިހުމާލުވާ ހާލަތުގައި، އެކުދީންނަށް ހާއްސަ ރައްކާތެރިކަމާއި، ހާއްސަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލާޒިމް ކަމެއް ކަމަށެވެ.

އެގޮތުން، އެ އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 4 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެވެ. އެ 11 ކުދިން ދައުލަތުގެ ބެލެމުގެ ދަށަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ހަވާލުވުމަށް އިންކާރުކޮށްފައިވާތީ ނުވަތަ މައިންބަފައިން އެ ކުދިން ބެލެހެއްޓުމުގައި ތަކުރާރުކޮށް އިހުމާލުވަމުން ދާތީ، އަދި އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނެ އެ ކުދިންގެ އާއިލާގެ އެއްވެސް މެންބަރަކު ހަމަޖެހިފައިނުވާތީ، އެ ކުދިންގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ބުނެއެވެ. އަދި، އެ 11 ކުދިންގެ މައިންބަފައިންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމަށް ޖެންޑާ މިނިސްޓްރީއާ ހަވާލާދީ ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.