ނަވާރަ ވަނަ ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރުގެ ހާޒިރީގެ އެންމެ ފުލުގައި މިފަހަރުވެސް މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ސިޔާމް އަދި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހިމެނިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ހާޒިރީ ދައްކާ ގޮތުގައި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، އޮކްޓޫބަރު ފަސް ޖަލްސާއަށް ވަޑައިނުގަންނަވައެވެ. އެހެންނަމަވެސް ބާކީ ހަތް ޖަލްސާއަށް އެ މަހުގެ އޭނާ ވަޑައިގެންނެވިއެވެ. އަދި ނޮވެމްބަރު މަހު ހަ ޖަލްސާއަށް ވަޑައެއް ނުގަންނަވާއިރު ފަސް ދުވަހު އޭނާ ހުންނެވީ ސަލާމުގައެވެ. އެ މަހު މަޖިލީހުގެ ޖަލްސާއަށް އޭނާ ވަޑައިގަތީ އެންމެ ދެ ދުވަހުއެވެ.
ހާޒިރީގެ އެންމެ ފުލުގައި ދެން އުޅުއްވާ އަނެއް މެންބަރަކީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިޔާމެވެ. އޭނާ ވަނީ އޮކްޓޫބަރު މަހު މަޖިލީހުގެ ހުރިހާ ޖަލްސާއަކަށްވެސް ހާޒިރުވެވަޑައިގެންފައެވެ. އެހެންނަމަވެސް ނޮވެމްބަރު މަހު އޭނާ މަޖިލީހަށް ވަޑައިގަތީ އެންމެ ދުވަހަކުއެވެ. ބާކީ 11 ދުވަހު އޭނާ ހުންނެވީ ސަލާމުގައެވެ. މުހައްމަދު ޝާހިދު މަޖިލީހުގެ ޖަލްސާތަކަށް ވަޑައިނުގަންނަވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށް މަޖިލީހުގެ ރިޔާސަތުން ވަނީ އިއުލާނުކޮށްފައެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފުވެސް ވަނީ އޮކްޓޫބަރު މަހު 9 ދުވަހު މަޖިލީހުގެ ޖަލްސާއަށް ސަލާމް ބުނުއްވާފައެވެ. ނަމަވެސް ބާކީ ތިން ދުވަހު އޭނާ މަޖިލީހަށް ވަޑައިގަތެވެ. އަދި ނޮވެމްބަރު މަހުގެ ހުރިހާ ޖަލްސާއަކަށް ވެސް އޭނާ ވަޑައިގަތެވެ. ބެލެވޭ ގޮތުގައި އޭނާ އޮކްޓޫބަރު މަހުގެ 9 ދުވަހު ސަލާމުގައި ހުންނެވީ ބްރިޖު މަތިން ދުއްވާފައި ދަނިކޮށް އޭނާގެ ސައިކަލު ކަހާލައިގެން ހިނގި އެކްސިޑެންޓެއް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައިވާ ދުވަސްތަކުގައެވެ.
އޮކްޓޫބަރު މަހު މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ހަތް ދުވަހު ސަލާމް ބުނުއްވާފައިވާއިރު ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުވެސް ވަނީ އެ މަހު ހަ ދުވަހު ސަލާމް ބުނުއްވާފައެވެ. އަދި އެއް ދުވަހު މަޖިލިސް ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
ރަސްމީ ދަތުރުތަކުގައި އެންމެ ގިނައިން އުޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީއެވެ. އެގޮތުން މި ދެ މެންބަރުންވެސް ނޮވެމްބަރު މަހުގެ ތެރޭގައި 10 ދުވަހު ހުންނެވީ ރަސްމީ ދަތުރުތަކުގައެވެ. މަޖިލީހަށް ނޮވެމްބަރު މަހު ވަޑައިގަތީ އެންމެ ތިން ދުވަހުއެވެ.