Last Updated: July 27, 11:42
Monday, July 27, 2026
ޚަބަރު

ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރި އިސްލާހު ތަސްދީގުކޮށްފި

ލޯކަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

މި އިސްލާހު މަޖިލީހުން ފާސްކުރީ މި މަހުގެ ތިންވަނަ ދުވަހުއެވެ. އިސްލާހު ފާސްވީ 69 މެންބަރުންގެ ވޯޓުންނެވެ.

ބިލް މަޖިލިހުން ފާސްކުރީ އިތުރު ދެ އިސްލާހާއެކުއެވެ. އެގޮތުން ފުރަތަމަ އިސްލާހަކީ އެ ބިލަށް އަމަލު ކުރަން ފަށާނީ ބިލް ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

ދެވަނަ އިސްލާހަކީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އައްޔަން ކުރަންވާނީ ބިލަށް އަމަލު ކުރަން ފެށުމަށް ފަހު ދެން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިހާބުގައި ކަމަށެވެ.

މިހާރު ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކުގެ ދައުރަކީ ތިން އަހަރެވެ. އެހެންކަމުން ގާނޫނު އަސާސީ އަށް ގެނައި މި ބަދަލު ތަސްދީގުކޮށްދިނަމަ ދެން އިންތިހާބު ކުރާ ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުވާނެއެވެ.

މި ބަދަލު ގެންނަން ފާސްކޮށްފައިވާއިރު ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ސަރުކާރުން އެކުލަވާލި ބިލު ވެސް މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.