ގއ. ވިލިނގިލީ ގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކަށް ނަރުދަމާގެ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަރަންޓުގައި ޖެހުނު މުވައްޒަފުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ އިން ބުނީ ވިލިނގިލި ބްރާންޗުގެ ޓެކްނީޝަން މުހައްމަދު މުފީދު އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފެނަކައިން ވަނީ ބުނެފައެވެ.
ކަރަންޓުގައި ޖެހުމުން މުފީދަށް އެންމެ ފުރަތަމަ ފަރުވާދީފައިވަނީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުންނެވެ.
އޭނާ ކަރަންޓުގައި ޖެހުނީ ނަރުދަމާގެ މަސައްކަތްކުރުމަށް ކޮނެފައި ހުރި ކޯރުގައި ފެން ހުއްޓައި ކޯރަށް ގުޅާފައި ހުރި ޕަމްޕަށް ކަރަންޓު ދިން ވަގުތު މުފީދު ކޯރު ތެރޭ ހުރުމުންނެވެ.
މީގެކުރިންވެސް ވިލިނގިލިން މީހަކު ވަނީ ކަރަންޓުގައި ޖެހިގެން މަރުވެފައެވެ.