ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް މޮރޮކޯއިން ދިން އަގުބޮޑު ކާޕެޓެއް އަމިއްލަފު ގޭގައި އެޅި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަން ފަށައިފިއެވެ.
މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ވަނީ "އައްޑޫލައިވް"އަށް ޔަގީން ކޮށްދީފައެވެ. މި މައްސަލައާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ 16ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ދައުލަތުން ކަމަކަށް އެދިގެންއުޅޭ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަންއުޅޭ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިއްޖެނަމަ، ލަސްނުކޮށް އެ އެއްޗެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން ކަ ނޑައަޅާ ފަރާތަކަށް ރައްދުކުރަން ވާނެއެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައިވަނީ ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، ނުވަތަ ދައުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހަކު ނުވަތަ އެފަދަ މީހެއްގެ ކިބައިން، އެކަމަކާބެހޭ ދައުލަތުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފެއްގެ އަންބަކަށް، ނުވަތަ ފިރިއަކަށް، ހަދިޔާއެއްގެ ގޮތުގައި އެއްވެސް އެއްޗެއް ދިނުމަށް ހުށަހަޅައިފިނަމަ، ލަސްނުކޮށް އެކަން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުން ކަ ނޑައަޅާ ފަރާތަކަށް އަންގަން ވާނެއެވެ