Last Updated: June 9, 20:11
Tuesday, June 9, 2026
ޚަބަރު

ޑްރެޖަރު ފަސް ވަނަ ފަހަރަށް ފޭދޫ ބަނދަރަށް!

ބިން ހިއްކަން ގެނައި ޑެރްޖަރު މިއަދު ފޭދޫ ބަނަދަރުގައި. ފޮޓޯ/ އައްޑޫ ލައިވް

ސ. ގަން އެއާޕޯޓްގެ ރަންވޭ ދިގު ކުރަން ބޭނުންވާ ބިން ހިއްކަން ގެނައި، ދުބާއީގެ ގަލްފް ކޮބްލާ ކުންފުނީގެ ޑްރެޖަރު ގަމުގެ ބިން ހިއްކާ ސަރަހައްދަށް ނުވެެއްދިގެން ފަސް ވަނަ ފަހަަރަށް ފޭދޫ ބަނރަށް ވައްދައިފި އެވެ.

ޑްރެޖަރު ބިން ހިއްކާ ސަރަހައްދަށް ވެއްދުމަށް ގަމަށް ގެންދިޔައީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެހެން ނަމަވެސް ތަކުރާރުކޮށް ފޭދޫން ގަމަށް ޑްރެޖަރު ގެންގޮސް ވެއްދޭ ގޮތެއް މިހާތަނަށް ވަނީ ކާމިޔާބް ނުވެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއު މިދިޔަ މަހުގެ 9 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު ރަސްމީކޮށް އިފުތިތާހުކޮށް ދެެއްވި ނަމަވެސް ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭ ގޮތެއް ނުވެ އެވެ. މިކަމާ ވަރަށް ގިނަ ބަޔަކު ދަނީ ފާޑު ވެސް ކިޔަމުންނެވެ.

ބައެއް މީހުން ބުނަނީ ބިން ހިއްކުމުގެ މަޝްރޫއު އިފުތިތާހު ކުރީ، ކުރިއަށް ރިޔާސީ އިންތިހާބް އޮތުމުން އާންމުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށެވެ.

ގަން އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (ޖީއޭސީއެލް) ގެ އޮފިޝަލަކު ގަލްފް ކޮބްލާ އާ އާ ހަވާލާ ދެއްވައި ވިދާޅުވީ ކޮންނަ ބޯޓް ވެއްދުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެވެސް ބޯޓް ކުރިން ވައްދަން އުޅުނު ސަރަހައްދުގެ ފަރު ގޮއްވައިގެން ނޫނީ އެކަން ކުރެވެން ނެތިގެން މިހާރު ގަމުގެ ދެކުނު ފަރާތުން ކޮންނަ ބޯޓް ވެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެކްސްކަވޭޓަރުގެ އެހީގައި ކޮންނަ ބޯޓް ވައްދާ މަގު ކޮނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މަސައްކަތް ފަށައި ގަތުމަށް ދެން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވެސް ގަލްފް ކޮބްލާ އާ ހަވާލާދީ ޖީއޭސީއެލް އިން ބުންޏެވެ.