Last Updated: June 5, 19:20
Friday, June 5, 2026
ޚަބަރު

އިންސާނީ ހައްގުތަކުގެ ދުވަހު ރިޟްވާނުގެ އާއިލާއިން އެދެނީ އިންސާފު ހޯދާދިނުމަށް

ނޫސްވެރިޔާ އަހުމަދު ރިޟްވާން ވަގަށް ނެގުމަށް ފަހު މަރާލިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ރިޟްވާނުގެ އާއިލާއިން އިންސާފު ހޯދާ ދިނުމަށް ގޮވާލާފިއެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލް އަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަހު ރިޟްވާނުގެ އާއިލާއިން ވަނީ އޭނާ ވަގަށް ނެގިތާ 1950 ދުވަސް ވެފައިވާއިރު އަދިވެސް އިންސާފު ލިބިފައިނުވާކަން ފާހަގަކޮށްފައެވެ.

ރައީސް ސޯލިހް އުފެއްދެވި މަރު ކޮމިޝަނުން ސެޕްޓެމްބަރު އެއްވަނަ ދުވަހު ވަނީ ރިޟްވާންގެ މައްސަލާގައި އެކޮމިޝަނުން ހިންގި ތަހުގީގުން ވަގަށް ނެގުމަށް ފަހު އެ ރޭ ރިޟްވާން މަރާލުމަށް ފަހު ކަނޑުފައްތާފައިވާކަން އިއުލާން ކޮށްފައެވެ.

ރިޟްވާން މަރާލީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހައްދުފަހަނަޅާފައިވާ ޖަމާއަތަކުން ފާރަލުމަށް ފަހު ވަގަށް ނަގައިގެން ގޮސް ކަނޑުމަތީގައި ކަމަށް މަރު ކޮމިޝަނުން ބުނެފައިވެއެވެ.

މަރު ކޮމިޝަންގެ ރިޕޯޓު ރައީސަށް އަރުވާފައިވާއިރު ޑީއެންއޭ ހެކިތަކާއި ސީސީޓީވީ ފުޓޭޖުން ހެކިތައް ލިބިފައިވާއިރު އަދިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާތީ ރިޟްވާންގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.