ހާބަރު ފުޑް ކޯޓުގެ އައުޓްލެޓެއް ކުއްޔަށް ހިފުމަށް ފަހު ދައްކަން ޖެހޭ ފައިސާ ނުދެއްކި މައްސަލައިގައި، ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުވަ ލައްކަ ރުފިޔާ ދައްކަން ކުރީގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ނިހާން ކުއްޔަށް ހިފީ ފުޑް ކޯޓު ޔުނިޓު 22އެވެ. އެހެންނަމަވެސް އެތަން ކުއްޔަށް ހިފުމަށްފަހު އެތަނަށް ދައްކަން ޖެހޭ ފައިސާ ނިހާން ދައްކާފައެއްނުވެއެވެ. އެސްޓީއޯއިން ނިހާންގެ މައްޗަށް ދައުވާކުރީ އެތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ އޮތުމުން އެފައިސާ ހޯދުމަށެވެ. އެގޮތުން ކުއްޔާއި ޖޫރުމަނާއަށް މިހާތަނަށް އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ އަރާފައިވާ ކަމަށްވެސް އެސްޓީއޯއިން ނިހާންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވެއެވެ.
ފުޑް ކޯޓްގެ ޔުނިޓް 22 އަށް ކޮންމެ މަހަކު 75،945 ދައްކަންޖެހެއެވެ. އެތަނަށް ދައްކަން ޖެހޭ ފައިސާ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ދައްކާފައެއް ނުވެއެވެ. ނިހާނަށް އެތަން އެސްޓީއޯއިން ކުއްޔަށް ދިނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަތަރުވަނަ ދުވަހު ފަސް އަހަރު ދުވަހުގެ މުއްތަކަށެވެ.
އެހެން ނަމަވެސް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއްބަސްވެފައިވާ ގޮތަށް ދައްކާފައިނުވާތީ އާއި، ކުއްޔާއި މެއިންޓަނަންސް ފީގެ ގޮތުގައި މިދިޔަ ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 893،901.97 ރުފިޔާ އާއި ކުލީގެ ފައިސާ އެއްބަސްވުމާ އެއްގޮތަށް ދައްކާފައި ނުވުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 65،460.28 ރުފިޔާއާ އެކު ޖުމްލަ 959،362.25 ރުފިޔާ ނިހާންގެ ފަރާތުން އެސްޓީއޯއަށް ދައްކަންޖެހޭ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ނިހާންގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން ކުރި ހުކުމްގައިވެއެވެ.