ޗައިނާއިން ނަގާފައިވާ ލޯނުތަކުން ދިވެހިރާއްޖެ ސަލާމަތްވާން ތައްޔާރަށް ހުރި ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ޗައިނާއަށް ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް ނަޝީދު ވަނީ އެގައުމުގެ ނައިބު ރައީސް ވެންކައިއާ ނައިޑޫއާ ބައްދަލުކުރައްވައިފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ، އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ރާއްޖެއިން ޗައިނާގެ ލޯންގެ ދަންތުރައިން ސަލާމަތްވާން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި ޗައިނާއިން ދިން ލޯނުން ހިންގި ތަރައްގީގެ މަޝްރޫއުތަކުން ރާއްޖެއަށް އިތުރުވި ދަރަނީގެ އެސެސްމަންޓެއް ހަދަމުންދާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ގޮތްތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ރައްޔިތުންނަކީ އެއްބައެއް ކަމަށެވެ.
އެ ބައްދަލުވުމުގައި އިންޑިއާގެ ނާއިބު ރައީސް ވަނީ، ރާއްޖެއިން ގެންގުޅޭ އިންޑިއާ ފަސްޓް ޕޮލިސީއަށް ތައުރީފްކުރައްވައި އޭގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވުމުގެ ދޮރު އޮތްކަމަށް ވިދާޅުވެފައެވެ.
އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުތަކުގައި އާއްމު ގޮތެއްގައި ރައީސް ނަޝީދު ޗައިނާއަށް ބަހުގެ ހަމަލާތައް އަންނަނީ ރައްދު ކުރަމުންނެވެ. އަދި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށް ބުނެ އަބަދުވެސް ޗައިނާއަށް ރައީސް ނަޝީދު އަންނަނީ ފާޑުވިދާޅުވަމުންނެވެ.