ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލިތާ ހަފްތާއެއްވީއިރުވެސް މީހަކު ހައްޔަރު ކުރެވިފައިވާ ކަމަކަށް ފުލުހުން ހާމައެއް ނުކުރިއެވެ.
އަނިޔާވެރި ގޮތަކަށް ގާސިމް މަރާލީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގާސިމްގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނާއިރު، އެ މަރާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ކަމާބެހޭ އިދާރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ ގާސިމްގެ އަތަށާއި ކަރަށް ފުން ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށް ބުދަ ދުވަހުގެރޭ 9:50 ހާއިރު ކަމަށެވެ.
ގާސިމް އަށް ހަމަލާދީފައިވަނީ ގުރޫޕަކުން ކަމަށް ބައެއް ފަރާތްތަކުން ބުނާއިރު ފުލުހުން ވަނީ މި އަމަލު ހިންގި ބަޔަކު ހޯދޭނެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ އެ މައުލޫމާތެއް ހިއްސާކުރުމަށް އެދިފައެވެ.