Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

އިބޫއާ މެދު ފިޔަވަޅު ނާޅަނީ އިދާރާއަކުން ޝަކުވާ ހުށަހަޅާފައި ނުވާތީ

ގްރޭޓާ މާލެ ކުންފުނީގެ އެމްޑީ އިބޫ-- ފޮޓޯ / ސަން

ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)އާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ނަމަވެސް ފިޔަވަޅު ނާޅާ އޮތީ އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ހުށަހެޅިފައި ނުވާތީކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުންގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، އާންމު އުސޫލުގެ މަތިން މީހަކާ މެދު ފިޔަވަޅު އަޅަނީ އެމީހެއްގެ ޝަކުވާ ރައީސް އޮފީހަށް ހުށަހެޅުމުން އެ ޝަކުވާއެއް ބެލުމަށް ފަހު ކަމަށެވެ. އެހެންކަމުން އިބޫއާ ގުޅޭގޮތުން އެއްވެސް އިދާރާއަކުން ރައީސް އޮފީހަށް ޝަކުވާއެއް ހުށަހަޅާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫއަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް "ސީހޯމް ސަފަޔާ" ބޯޓު ނައްތާލުމަށް ބަޔާކާ ހަވާލު ކުރި މައްސަލައެެވެ.
ހުއްދަ ނުހޯދައި، ޖުލައި، 30، 2012 ގައި ތިލަފުށި ފަޅުތެރޭގައި އެޅި ދަގަނޑު ބޯޓު "އެމްވީ ސީ ހޯމް ސެފަޔާ"ގެ ވެރިފަރާތެއް ނޭނގެއެވެ. އެހެންވެ ސިވިލް ކޯޓު މެދުވެރިކޮށް ދައުލަތަށް ނަގާފައި އޮތް ބޯޓު ފަޅުތެރެއިން ބޭރުކުރުމުގެ މަސައްކަތް އެއްބަސްވުމެއްގެ ދަށުން ހަވާލުކުރީ ޕާކަވަން އިންވެސްޓްމެންޓާއެވެ.

އެ ބޯޓު ނަގަން ހަވާލުކުރީ، ފަޅުތެރޭގައި އޮތުމުން ތިމާވެށީގެ ގޮތުންނާއި ވިޔަފާރީގެ ގޮތުން ވެސް ގްރޭޓާ މާލެ ކުންފުންޏަށް ބޮޑެތި ގެއްލުންވަމުންދާތީއެވެ.

ޕާކަވަންއާ އެކު އެއްބަސްވީ 30 ދުވަހުގެ ތެރޭގައި ފަޅުން ބޯޓު ނެގުމަށެވެ. އެކަމަކު އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތެއް ނުނިންމައެވެ. އެއީ، ގްރޭޓަ މާލެ ކުންފުނީގެ އޮޅުވާލުމާއި އިހުމާލުން ކަަމަށް ބުނެ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އުޅެނީ 708،511 ޑޮލަރު (10.9 މިލިއަން ރުފިޔާ)އެވެ. މި ފައިސާ ދައްކަން ދައްކަން ގްރޭޓާ މާލެ އަށް އެންގީ ފަސް ދުވަހުގެ ތެރޭގައެވެ.

މި މުއްދަތުގައި ފައިސާ ނުދިނުމުން މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައި، އެކަން ގްރޭޓާ މާލެ ކުންފުންޏަށް އަންގައިފައެވެ.

ހޫދު އެގޮތަށް ވިދާޅުވި އިރު، މިދިޔަ ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ނިންމާފައިވަނީ، ބޯޓުގެ މައްސަލައިގައި ޖީއެމްއައިޒެޑްއެލްގެ މެނޭޖްމަންޓުން ކަންތައް ކޮށްފައިވަނީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ. އަދި އެ މައްސަލައިގައި އިހުމާލުވި މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހަށާއި ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ފޮނުވުމަށްވެސް އެ ކޮމިޓީން ނިންމިއެވެ.