މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ ނޮވެމްބަރު މަހު 1.15 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީއަށް ވުރެ 173.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މީރާއަށް ލިބިފައިވަނީ 977.5 މިލިއަން ރުފިޔާއެވެ.
މިދިޔަ ނޮވެމްބަރު މަހު މީރާއަށް ލިބުނު 1.27 ބިލިއަން ރުފިޔާގެ ތެރެއިން 358.7 މިލިއަނަކީ ދިވެހި ރުފިޔާ އިން ލިބުނު އާމްދަނީއެވެ. މިމުއްދަތުގައި އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީ އުޅެނީ 51.6 މިލިއަން ޑޮލަރުގައެވެ.
މީރާއަށް މިއަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީ އަކީ އެމަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 33.5 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީއާ އަޅާބަލާއިރު 17.7 އިންސައްތަ އިތުރު އަދަދެކެވެ.
މީރާއަށް މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ)ގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 651.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ 56.6 އިންސައްތައެވެ.
މީރާއަށް ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކުއްޔަށް ދީފައިވާ މުއްދަތު އިތުރުކޮށްގެން އެ މުއްދަތަށް ލިބުނު އާމްދަނީއެވެ. އެގޮތުން ކުލީގެ މުއްދަތު އިތުރުކޮށްގެން ލިބުނު އާމްދަނީގެ ގޮތުގައި 153.6 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ 13.3 އިންސައްތައެވެ. މީރާއަށް މިދިޔަ ނޮވެމްބަރު މަހު ލިބުނު އާމްދަނީގެ ތެރެއިން ތިންވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ގްރީން ޓެކްސްގެ ގޮތުގައެވެ. އެގޮތުން ގްރީން ޓެކްސްގެ ގޮތުގައި 73.2 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ ނޮވެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީގެ 6.4 އިންސައްތައެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 30.25 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަހަރު އާމްދަނީގެ ގޮތުގައި ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް އެ އަދަދަށް އާމްދަނީ ނުލިބޭނެ ކަމަށް މިހާރު ޔަގީންކުރެވެ އެވެ. މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް މީރާ އަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.22 ބިލިއަން ރުފިޔާ އެވެ.