Last Updated: July 27, 10:36
Monday, July 27, 2026
ޚަބަރު

އެމްޕީއެލްއިން އޭސީތައް ގަތީ ރާއްޖޭގެ މާކެޓަށްވުރެ ހަތަރުލައްކަ އަގުބޮޑުކޮށް!

ރާއްޖޭގައި ވިއްކަން ހުރި އެއާކޮންޑިޝަންތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ގަނެފައިވަނީ ހަތަރުލައްކައަށް ވުރެ ގިނަ ރުފިޔާ އަގު ބޮޑުކޮށްކަން އޮޑިޓާ ޖެނެރަލް ތައްޔާރުކޮށްފައިވާ އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.

އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްގެ އިމާރާތްތަކުގައި ބޭނުންކުރުމަށް އިމަޖެންސީ ޕްރޮކިއުމަންޓްގެ ގޮތުގައި 2017ވަނަ އަހަރު އެކިފަހަރު މަތިން ޖުމްލަ 1.08 މިލިއަން ރުފިޔާއަށް 18 އެއާކޮންޑިޝަން ގަނެފައިވަނީ އެންމެ ފަރާތަކުން އަގު ހޯދައިގެންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއިން ގަތް އެއާކޮންޑިޝަންތަކާ އެއްފަދަ އެއާކޮންޑިޝަންތައް ރާއްޖޭގެ މާކެޓްގައި ވިއްކަން ހުންނަ އަގުތަކާ އެމްޕީއެލްއިން އެއާކަންޑިޝަން ގަނެފައިވާ އަގުތަކާ އަޅާބަލާއިރު އެމްޕީއެލްއިން އެ ތަކެތި ގަނެފައިވަނީ 428،065 ރުފިޔާ އަގުބޮޑުކޮށް ކަމަށެވެ.

މީގެއިތުރުންވެސް މި ރިޕޯޓުގައި ބުނެފައިވަނީ އެމްޕީއެލްއަށް ލޭންޑިން ކްރާފްޓެއް ގަތުމަށް 2017 ވަނަ އަހަރު ސިންގަޕޫރުގެ ކުންފުންޏަކާއި އެމްޕީއެލްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި ކަމަށެވެ. އެމްޕީއެލް އަށް 715،000 ޑޮލަރު ނުވަތަ އެގާރަ މިލިއަން ރުފިޔާ އަށް ވިއްކުމަށް އެއްބަސްވި 300 ޓަނުގެ ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި އެމްޕީއެލްއަށް ސަޕްލައިކޮށްދިން ލޭންޑިން ކްރާފްޓްގެ ސްޕެސިފިކޭޝަންތަކާއި ތަފާތުތަކެއް ހުރި ކަންވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެމްޕީއެލް ބޭނުމަށް ގެނައި ލޭންޑިން ކްރާފްޓާ އެކުންފުނިން ހަވާލުވެފައިވާ ނުވާ ކަމަށްވެސް ރިޕޯޓުގައިވެ އެވެ. އަދި އެ ލޭންޑިން ކްރާފްޓް ގަތުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 429،000 ޑޮލަރު ނުވަތަ 6.6 މިލިއަން ރުފިޔާ އެމްޕީއެލްއަށް އަނބުރާ ލިބިފައި ނުވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައިވެ އެވެ.

މި ލޭންޑިން ކްރާފްޓު މައްސަލާގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން)ވެސް ވަނީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ)އަށް މިދިޔަ މެއި މަހުގެ ތެރޭގައި ފޮނުވާފަ އެވެ. އެގޮތުން ދައުވާކުރުމަށް ފޮނުވާފައިވަނީ އެމްޕީއެލްގެ އޭރުގެ ޕްރޮކިއުމެންޓްގެ އިސްވެރިޔާގެ މައްޗަށެވެ.