ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެގޮތުން އެމަނިކުފާނު މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ވަޑައިގެންފައެވެ. އެ މިނިސްޓްރީއަށް ވަޑައިގެން މުވައްޒަފުންނާއި ބައްދަލުކުރައްވާފައިވާއިރު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ މުވައްޒަފުންގެ ޝަކުވާތައް އެމަނިކުފާނު އައްސަވާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ ނަތީޖާ ފެންނަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ކުރާ މަސައްކަތުން ކަމަށެވެ. އަދި، ސަރުކާރުގެ ވައުދުތައް ތަންފީޒުކުރެއްވުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރަނީ ސިވިލް ސަރވިސްގެ މުވައްޒަފުންކަމުގައި ވިދާޅުވެ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލު ތަކެއް ގެނައުމަށް ސަރުކާރުން ކުރެވޭނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބައްލަވަމުން އަންނަކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.