Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ކުރީގެ ބަންޑާރަ ނާއިބު އަނިލްގެ މައްސަލައެއް އޭސީސީއަށް!

ކުރީގެ ބަންޑާރަ ނައިބް މުހައްމަދު އަނިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބަންޑާރަ ނާއިބަކަށް ހުންނެވި މުހައްމަދު އަނިލްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި އަނިލްގެ މައްސަލަ އޭސީސީއަށް ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭސީސީއަށް ހުށަހެޅީ އަނިލްއަށް ތުހުމަތު ކުރާ 22 މިލިއަން ރުފިޔާގެ ރިޝްވަތުގެ މައްސަލައެކެވެ.

އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ވަނީ އަނިލްއަށް ލިބުނު ރިޝްވަތުގެ ފައިސާއިން މެލޭޝިއާ އިން އެޕާޓްމަންޓަކާއި ކާރެއް ގަނެފައިވާ ކަމަށް ބުނެފަ އެވެ.

އަނިލްއަކީ ކުރީގެ ބަންޑާރަ ނާއިބު ކަމަށްވީ ނަމަވެސް އޭނާއަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން އޭސީސީން ނެރުނު ރިޕޯޓުގައި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ދެއްވި ބަޔާނުގައި ވިދާޅުވީ އޭނާގެ އިތުރުން ކުރީގެ ނައިބް ރައީސް އަޙްމަދު އަދބު ޢަބްދުލްޣަފޫރު އާއި އެޓާނީ ޖެނެރަލް އަނިލް އަދި ފިޝަރޒް މިނިސްޓަރ ޝައިނީ އަށްވެސް އެމްއެމްޕީއާރްސީގެ އޮފީހަށް ވަނުމުގެ އެކްސެސް އޮންނާނެ ކަމަށެވެ.

އަނިލްއަށް ތުހުމަތުކުރާ އިތުރު ދެ މައްސަލައެއް ވެސް އޭސީސީ އަށް ވަނީ ހުށަހަޅާފަ އެވެ. މީގެތެރޭގައި ހިމެނޭ އެއް މައްސަލަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ އޮފީހުން ފޮނުވި ލިސްޓަކަށް ބަލައިގެން ސްޓޭޓް އެޓާނީންގެ މަގާމަށް ޝަރުތު ހަމަނުވާ ބޭފުޅުން ނެންގެވި މައްސަލަ އެވެ. ދެވަނަ މައްސަލަ އަކީ ނިމިދިޔަ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި އޮތް އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދުގެ ސަން ގުރޫޕަށް ޗައިނާގެ އެގްޒިމް ބޭންކުން ލޯނެއް ހޯދައިދިނުމަށް ދައުލަތުގެ ސޮވެރިން ގެރެންޓީ ދިނުމުގައި އަނިލް ރިޝްވަތު ނެންގެވި ކަމަށް ބުނާ މައްސަލަ އެކެވެ.
އަނިލް އަށް ތުހުމަތުކުރާ ބައެއް މައްސަލަތަކުގައި އޭސީސީން މީގެކުރިން ވެސް ވަނީ އަނިލްއާ ސުވާލުކޮށްފަ އެވެ.