މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ މެންބަރަކަށް ހުންނެވި އާދަމް މުހައްމަދު އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފިއެވެ.
އާދަމް މުހައްމަދު އޭނާގެ އިސްތިއުފާ ހުށަހެޅުއްވީ މި މަހުގެ 8ވަނަ ދުވަހުއެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މިހާރު ތިއްބެވީ ތިން މެންބަރުންނެވެ. މީގެކުރިން އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވާފައެވެ. މިހާރު އެ ކޮމިޝަނުގައި ތިއްބަވަނީ މިސްބާހް އައްބާސް އާއި ފަރީޝާ އަބްދުﷲގެ އިތުރުން އަހްމަދު ނާޝިދެވެ.
އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ކޮމިޝަނުން އިސްތިއުފާ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އޭނާ އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.
މަރު ކޮމިޝަނުން ވަނީ ގިނަބަޔަކު އެ މަރުތަކުގެ ހަގީގަތް އެނގެން ބޭނުންވި މަރުތަކުގެ ތަހުގީގުތައް ކޮށް ނިންމާފައެވެ. އެއީ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ.
މި މައްސަލަތަކުގެ ތަހުގީގު ނިމި ބައެއް ފަރާތްތަކަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިހާރުވަނީ ފޮނުވާފައެވެ.