Last Updated: July 26, 18:11
Monday, July 27, 2026
ޚަބަރު

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ. ރަޖިސްޓްރާގެ މަގާމުގެ އިތުރުން އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށްވެސް މީހަކު ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ. އަދި ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާގެ މަގާމަށް ކުރިމަތިލާން ވަނީ ހުޅުވާލަފައެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކަކީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއަތުގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަމުގައި ނުވަތަ އެދެކަމުގައި މަސައްކަތްކޮށް މަދުވެގެން ދެ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާން ޖެހެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ މީހަކީ ފަނޑިޔާރުންގެ ގާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސުޕީރިއާ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކަނޑައަޅާފައިވާ ޝަރުތު ފުރިހަމަވާ މީހެއްކަމުގައިވުމާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހުނަރާއި ގާބިލުކަން ސާބިތުކޮށްދޭން ޖެހެއެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 36،360 ރުފިޔާ ލިބިގެންދާނެއެވެ. އެސިސްޓެންޓް ރަޖިސްޓްރާއަށް މުސާރައާ އިނާޔަތްތަކާއި އެކު 31،410 ރުފިޔާ ލިބިގެންދާނެއެވެ. ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާއަކަށް 26،620 ރުފިޔާ މުސާރައާ އިނާޔަތްތަކާއި އެކުގައި ލިބޭނެއެވެ.

މި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން މި މަހުގެ 23ވަނަ ދުވަހުގެ މެންދުރު 13:30ގެ ކުރިން ޑީޖޭއޭއަށް ހުށަހަޅަންޖެހެއެވެ.