މާލެ ސިޓީގެ މަގުތަކުން ނަޖިސް ލީކުވާ މައްސަލައަށް މިހާރު ހައްލެއް ލިބިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ މަގުތަކަށް ނަޖިސް ލީކުވުމުގެ މައްސަލަ ދިމާވެގެން ދާދިފަހަކާއި ޖެހެންދެން އެ ކުންފުންޏަށް ރައްޔިތުންގެ ޝަކުވާތައް ލިބެމުން ދިޔަ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލައަށް ހައްލެއް ގެނެސްފައިވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެކަން އެގޮތަށް ދިމާވަނީ މާލޭގެ އާބާދީ ބޮޑުވެ، މިހާރު ބޭނުންކުރާ ނަރުދަމާއަށް ދުވަސްވުމުން ކަމަށެވެ. ނަރުދަމާ ލީކުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަރުދަމާގެ މަސައްކަތް ހައްލު ކުރުމަށް އެމްޑަބްލިއުއެސްސީން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެ މަސައްކަތަކީ ބޮޑު ހަރަދެއް ހިނގާނެ މަސައްކަތެއް ކަމަށާއި އެހެންނަމަވެސް 2022ވަނަ އަހަރުގެ ކުރިން އެ މަސައްކަތް ނިންމާލުމަށް އެ ކުންފުނިން މަސައްކަތް ކުރާނެ ކަމަށެވެ.
ވާރޭވެހޭ ދުވަސްވަރު އެކި ސަރަހައްދުތަކުން ފެން އަރާ މަންޒަރު ފެންނަކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެކަން އެގޮތަށް ދިމާވަނީ، ނަރުދަމާ ނިޒާމަކީ ފެން ބޭރުކުރާ ނިޒާމާ އެއްކޮށް ހަދާފައިވާ ނިޒާމަކަށް ނުވާތީ ކަމަށެވެ.
ދުނިޔޭގެ އެއްވެސް ގައުމެއްގައި ނަރުދަމާ ނިޒާމަކީ ވެހޭ ވާރޭ ފެން އެޅޭނެގޮތަށް ދިޔަދޮވިތައް ގުޅާފައި ހުންނަ ތަނެއް ނޫންކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ނަމަވެސް އަމީނީ މަގާއި އައިޖީއެމްއެޗާއި ވެސްޓް ޕާކު ސަރަހައްދުގައި ފެން ބޭރުކުރާ ނިޒާމް ވަކިން ގާއިމްކޮށްފައިވާކަން އޭނާފާހަގަކުރެއްވިއެވެ.