Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

އިނގިރޭސި އާންމު އިންތިޚާބު ކޮންސަވޭޓިވް ޕާޓީން ކާމިޔާބުކޮށްފި

އިއްޔެ ބޭއްވުނު އިނގިރޭސި ވިލާތުގެ އާންމު އިންތިޚާބު މިހާރުވެސް ވެރިކަމުގައި ތިބި ކޮންސަވޭޓިވް ޕާޓީން ކާމިޔާބުކޮށް، ބޯރިސް ޖޯންސަން ބޮޑުވަޒީރުގެ މަގާމު ދިފާއުކޮށްފިއެވެ.

އިންތިޚާބު ކާމިޔާބުވެފައިވާކަން ކޮންސަވޭޓިވްއިން އިއުލާން ކޮށްފައިވާއިރު މިހާތަނަށް ކޮންސަވޭޓިވުން ވަނީ 351 ގޮނޑި ކާމިޔާބުކޮށްފައެވެ. ދެވަނައިގައި ލޭބާ ޕާޓީ އޮތީ 191 ގޮނޑި ލިބިގެންނެވެ. ނަމަވެސް "ބީބީސީ" އިން ލަފާ ކުރާ ގޮތުގައި ބޯރިސް އިންތިޚާބު ކާމިޔާބުކުރާނީ 364 ގޮނޑިއާއެކުގައެވެ. އަދި ލޭބާއަށް ގިނަ ވެގެން ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ 201 ގޮނޑިއެވެ.

ކުދި ޕާޓީތަކަށް ބަލާއިރު އެސްއެންޕީ އިން 48 ގޮނޑި ހޯދިއިރު ލިބެރަލް ޑިމޮކްރެޓުންނަށް ލިބުނީ އެންމެ 11 ގޮނޑިއެވެ. ޑީޔޫޕީއަށް 8 ގޮނޑި ލިބިފައިވާއިރު ބްރެކްސިޓަށް ގޮނޑިއެއް ލިބިފައެއް ނުވެއެވެ.

ބޯރިސް ވަނީ އިންތިޚާބު ކާމިޔާބު ކުރެވުމުން ސަޕޯޓަރުންނަށް ޝުކުރު އަދާ ކޮށްފައެވެ. އަދި ބްރެކްސިޓް ކަންތައްތައް ނިންމާލުމަށް ފަހު އަންނަ މަހު އިނގިރޭސިން އީޔޫން ނިކުމެވޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި އިންތިޚާބުގެ ނާކާމިޔާބީއާ އެކު އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރ، ޖެރެމީ ކޯބީން ބުނެފައިވަނީ މިއީ ލޭބާއަށް ވަރަށް ހިތްދަތި ރެއެއް ކަމަށެވެ. އަދި ދެން އިންތިޚާބެއްގައި ވާދަ ނުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.