Last Updated: April 23, 15:56
Tuesday, April 23, 2024
ޚަބަރު

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް: އުއްމީދުން ފުރިގެންވާ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް.، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

މާދަމާ ހުޅުވާ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ ޒަމާނުއްސުރެ އައްޑޫ ރައްޔިތުން ދެކެމުން އައި ހުވަފެނެއްގެ ކުލަ ޖެހިގެން ދިއުމެވެ. ޑޮކްޓްރަށް ދައްކަން މާލެ ދިއުމުގެ ދިގު ސަގާފަތަށް ނިމުމެއް އައުމެވެ. ރަނގަޅު ސިއްޚީ ފަރުވާއެއް ރަށުން ލިބެން ފެށުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މާލެއިން ބޭރުގައި ގާއިމްކުރެވޭ ޓާޝަރީ ހޮސްޕިޓަލް މާދަމާ އައްޑޫގައި ހުޅުވާނެއެވެ. މާލެއިން ނޫނީ ރާއްޖޭގެ އެއްވެސް ތަނެއްގައި ނުލިބޭ ގިނަ ޚިދުމަތްތަކެއް މިހޮސްޕިޓަލުން ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެމްއާރްއައި އާ ސީޓީ ސްކޭންގެ ޚިދުމަތާއި އެންޑޯސްކޯޕީ، ކޮލޮނޮސްކޮޕީ އަދި ބްރޮންކޮސްކޯޕީ އާއި އެކު ޒަމާނީ ލެބްގެ ޚިދުމަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ލިބޭނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 އެނދުގެ މި ހޮސްޕިޓަލްގެ ބައެއް ހިދްމަތް ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

އަދި ދަތުގެ ފަރުވާއަށް ޚާއްސަ ޑެންޓަލް ޔުނިޓަކާއި ލޮލުގެ ފަރުވާއަށް ޚާއްސަ ޔުނިޓެއް އަދި ސްޕީޗް ތެރަޕީ، ސައިކައެޓްރިޓް ޔުނިޓެއްގެ އިތުރުން މެޓާނިޓީއަށް ޚާއްސަ ދެ ސުއީޓާއެކު މެޓާނިޓީ ޔުނިޓެއް ވެސް ވަނީ ގާއިމް ކުރެވިފައެވެ. ޚާއްސަ ބަލިތަކަށް ފަރުވާ ދޭން މުޅިއެކު 20 ޑިޕާޓްމަންޓު ހޮސްޕިޓަލުގައި ގާއިމް ކުރެވޭނެއެވެ.

އިތުރު ޚާއްސަ ބަލިތަކުގެ ޔުނިޓުތަކަށް ބަލާއިރު ޑަޔަލަސިސް ޔުނިޓަކާއި ކަށީގެ ޑިޕާޓްމަންޓެއް އަދި އީއެންޓީއާއި ލޮލަށް ޚާއްސަ ލޭޒާ ސާޖަރީ ޑިޕާޓްމަންޓެއް ވެސް ހުންނާނެއެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ޚިލާފަށް އިކުއޭޓޯރިއަލް ހޮސްޕިޓަލުގައި ބޮޮޑު އެމަޖެންސީ ރޫމަކާއި އައިސީޔޫއެއް ގާއިމް ކުރެވިފައިވެއެވެ. އައިސީޔޫގައި އެއް ފަހަރާ 10 ބަލި މީހުންނަށް ފަރުވާ ދެވޭނެއެވެ. މީގެ އިތުރުން އެންއައިސީޔޫ ޔުނިޓެއް ވެސް މިހޮސްޕިޓަލުގައި ގާއިމް ކުރެވިފައި ހުންނާނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 އެނދުގެ މި ހޮސްޕިޓަލްގެ ބައެއް ހިދްމަތް ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

މާދަމާ ހޮސްޕިޓަލްގެ ބައެއް ހިދުމަތް ފަށާއިރު މުޅި ހޮސްޕިޓަލްގެ ހިދްމަތް އެންމެ ފުރިހަމަ ދޭން ފެށުމަށް އިތުރު ދުވަސްތަކެއް ނަގާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ސީޓީ ސްކޭން އިންސްޓޯލް ކުރުމުގެ މަސައްކަތް ފެށޭ ހަފްތާގައި ކުރިއަށް ގެންދިއުމަށް ބޭރުގެ އިންޖިނިއަރުން އައްޑުއަށް އައުމަށް ހަމަޖެހިފައިވެއެވެ.

ނަމަވެސް އެމްއާރްއައި މެޝިންގެ މަސައްކަތް ފެށޭނީ މިމަހުގެ ފަހުކޮޅު ކަމަށް އެމަސައްކަތާ ހަވާލުވެފައިވާ ކުންފުނިން އަންގާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޔުނިޓާއި ނިއުރޮލޮޖީ އަދި ޔޫރޮލޮޖީ ޔުނިޓަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުން ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން ކުރަމުން އަންނައިރު، މިމަހުގެ 28 ވަނަ ދުވަހު ކާޑިއޮލޮޖިސްޓް އައްޑުއަށް އަންނާނެ ކަމަށް މައުލޫމާތު ދީފައިވެއެވެ. ކިޑްނީ ބަލިތަކަށް ޚާއްސަ ނެފްރޮލޮޖިސްޓު މިހާރު އައްޑުއަށް ވަނީ އައިސްފައެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް، މާލެއިން ބޭރުގައި ގާއިމް ކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް. 100 އެނދުގެ މި ހޮސްޕިޓަލްގެ ބައެއް ހިދްމަތް ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައި، ފޮޓޯ: ޝަރަފް/ އައްޑޫލައިވް

ބޮޑެތި މެޝިންތައް އިންސްޓޯލް ނުވެ ލަސްވެފައިވަނީ ހޮސްޕިޓަލުގެ އޭސީ މަސައްކަތް ނުނިމި ހުރުމުން ކަމަށާއި އިއްޔެ އޭސީ ހަރުކުރެވި ނިމިފައިވާ ކަމަށް ވެސް މިނިސްޓްރީން "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. ސިޓީ ސްކޭން މެޝިން، އެމްއާރުއައި މެޝިންތަކަކީ ވަކި ފިނިހޫނުމިނެއްގައި ހުރެގެން ނޫނީ ހަރުކުރެވޭނެ މެޝިންތަކެއް ނޫނެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ހޮސްޕިޓަލުގެ މަސައްކަތްތައް އަދިވެސް ކުރިއަށް ދާ ކަމަށާއި އެކަން ދޮގުނުކުރާނެ ކަމަށެވެ. ނަމަވެސް އަންދާޒާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ދެތިން މަސް ތެރޭ މިހުރިހާ މަސައްކަތްތަކެއް ނިމި، ރާއްޖެއިން މިވަގުތު ލިބެން ހުރި ހުރިހާ ފަރުވާއެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވެސް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މާދަމާ ހޮސްޕިޓަލް ހުޅުވާއިރު އޯޕީޑީގެ ޚިދުމަތްތައް ފެށިގެންދާނެއެވެ. ނަމަވެސް ސްޕެޝަލިސްޓުން ބަލި މީހުން ބަލާނީ ހެނދުނު 09:00 އިން ހަވީރު 5:00 އަށެވެ. ސަރުކާރުގެ އަމާޒަކީ މިހޮސްޕިޓަލް ހުޅުވުމުން އައްޑޫގެ އިތުރުން ދެކުނުގެ ރައްޔިތުން ވެސް ބޭސް ފަރުވާއަށް މާލެ ދާން ނުޖެހި، މާލެއަށް ވުރެ ކައިރިން އައްޑުއިން ޚިދުމަތް ލިބިގެން ދިއުމެވެ.