ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ އެސް.ޖައިންޝަންކަރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ރައީސް ނަޝީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ 18 ވަނަ ގަރުނު ފަހަތަށް ދެކުނު އޭޝިއާގެ ގައުމުތަކަށް ދެން ދެވެން ނެތް ކަމަށާއި، ފޮރިން މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުކުރެއްވުމަކީ ކާމިޔާބު ބައްދަލުކުރެއްވުމެއް ކަމަށެވެ.
ބައްދަލުވުމަށްފަހު އިންޑިއާގެ ފޮރިން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެ މަނިކުފާނު ދެކެވަޑައިގަންނަވަމުން ގެންދަވާ ތަސައްވުރާ ދޭތެރޭ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު އިންޑިއާ އާއި ބާއްވަމުން އަންނަ ގާތްގުޅުމަށް އިންޑިއާގެ ފޮރިން މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަންނަނީ އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކާއި ބައްދަލުކުރައްވަމުންނެވެ. އެގޮތުން އިންޑިއާ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ވަފްދާއި ބައްދަލުކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަފްދު އިންޑިޔާއަށް ކުރައްވަމުން މި ގެންދަވާ މި ދަތުރުފުޅުގައި ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ "ލޮކްސަބާ" އާއި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން ރަނގަޅު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.