Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ނަޝީދު ގެންދަނީ ބޭރު ގައުމުތަކުގައި ރާއްޖެ "ނީލަން" ކިޔަމުން: ސައީދު

މާވަށު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ / ސަން

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެ "ނީލަން" ކިޔަމުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާއާ ރާއްޖެއާ ގުޅޭ ގޮތުން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވާ ސައީދު ވިދާޅުވީ އެމްޑީޕީ ވެރިކަމެއްގައި ސަރުކާރުގެ ކޯލިޝަންގެ ތެރޭގައި ތިބީ ގައުމުގައި ހިނގާ ހުރިހާ ކަމެއް އެނގި އެހެންނަމަވެސް ލޮލަށް ފުސްގަނޑެއް ވަދެފައި ތިބޭ މީހުންތަކެއް ކަމަށެވެ.

ރައީސް ނަޝީދު ޗައިނާއާއި ރާއްޖެ ޖެއްސެމަށްޓަކައި ސީދާ މަސައްކަތްތަކެއް ކުރައްވާއިރުގައިވެސް އެއިން ބޭފުޅަކަށް ބަހެއްނުބުނެވި ތިބެންޖެހޭ ޖެހުމުން އެކަން ވަރަށް ރަނގަޅަށް ސާބިތުވާ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަމުން ގެއްލުން ލިބޭނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި ހަގީގަތަކީ ބޭރުގެ ދުނިޔެއަށް ރާއްޖެ ނީލަން ކިޔުން ކަމަށް ސައީދު ވިދާޅުވިއެވެ.

އިންޑިޔާގައި އެގައުމުގެ މީޑިޔާތަކާ ބައްދަލުކުރައްވާ ނަޝީދު ވިދާޅުވީ ލޯނުގެ ގޮތުގައި ރާއްޖެ އިން ދައްކަންޖެހެނީ 1.5 ބިލިއަން ޑޮލަރު ކަމަށް ޗައިނާ އިން ބުނާ ކަމަށާއި ނަމަވެސް ޗައިނާ އިން ބުނާ އެ އަދަދަކީ ހަމައެކަނި ސަރުކާރަށް ދީފައިވާ ލޯނުތަކުގެ އަދަދު ކަމަށެވެ.

އެގޮތުން ޕްރައިވެޓް ލޯނުތަކާއި ސޮވެރިން ގެރެންޓީ ފަދަ ތަކެތި އެއްކޮށްލުމުން ލޯނުގެ ގޮތުގައި ރާއްޖެ އިން ޗައިނާ ދައްކަންޖެހޭ އަދަދު 3.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ޖީޑީޕީ އަކީ ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު. 2022 ވަނަ އަހަރު އަހަރުމެން އެބަޖެހޭ ޗައިނާ އަށް 700 މިލިއަން ޑޮލަރު ދައްކަން" ނަޝީދު ވިދާޅުވިއެވެ.

ޗައިނާ އިން ފަށާފައި ހުރި ޕްރޮޖެކްޓުތައް ވަކި ހިސާބަކުން ނުހުއްޓުވޭނެ ކަމަށާއި އެހެންކަމުން ދަރަނި ދެއްކުން ނޫންގޮތެއް ނެތް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ރާއްޖެ އަށް އޮތް ބޮޑު ޗެލެންޖެއްކަން ފާހަގަކުރައްވަމުން ނަޝީދު ވަނީ ޗައިނާގެ ސަރުކާރުން އެކަމުގައި ތަފާތު އިންތިޒާމެއް ގެންގުޅުމަށް މަސައްކަތް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން ނަޝީދު ވަނީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ ލޯނު އެހީތަކަކީ ތަރައްގީއަށް ވެދޭ އެހީތެރިކަމެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އޭގެ ބަދަލުގައި އެއީ ދަރަނީގެ ދަންތުރައެއް ކަމަށްވެސް ވިދާޅުވެފައެވެ.

މީގެއިތުރުން ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ކުރިއަށް ނުގެންދާނޭ ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން އެ އެއްބަސްވުން މިހާރު އޮތީ "މަރުވެފައި" ކަމަށާއި އެ އެއްބަސްވުން ކުރިއަށްގެންދަން މަޖިލީހުން ރުހުން މިހާރު ބޭނުންވާ ކަމަށާއި އެ ރުހުން މަޖިލީހުގެ އެއްވެސް މެމްބަރަކު ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓުގައި ސޮއިކޮށްފައި ވަނީ ޑިސެމްބަރު 7، 2017 ގަ އެވެ. އަދި އެ އެއްބަސްވުމުން ކުރިއަށް ގެންދަން މަޖިލީހުން ފާސްކޮށްފައި ވަނީ ނޮވެމްބަރު 29، 2017 ގަ އެވެ.