Last Updated: June 9, 20:11
Tuesday, June 9, 2026

ހިންދީ ފިލްމްތުކައި ނުބައިބައި ރޯލް ކުޅެގެން އާންމުންގެ ބޮޑު ސަމާލު ކަމެއް ހޯދާފައިވާ މަޝްހޫރު ކުޅަދާނަ އެކްޓަރު ޕްރާން މަރުވެއްޖެ އެވެ.

އިންޑިއާގެ ސިނަމާ އަށް ކޮށްދީފައިވާ އަގު ހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ދާދި ފަހު ދާދާސާހެބް ޕަލްކޭ އެވޯޑް ވެސް ލިބިަފއިވާ އުމުރުން 93 އަހަރުގެ ޕްރާން މަރުވީ ބަލިވެ އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން، ހަށިގަނޑުގެ ގިނަ ގުނަވަންތަކެއް ފެއިލްވެގެން ރޭ 8:30 ގައި މުމްބާއީގެ ލިލާވަތީ ހޮސްޕިޓަލްގަ އެވެ.

އިންޑިއާ ސަރުކާރުން ދޭ ޕަދްމާ ބުޝަން އެވޯޑް ވެސް 2001 ވަނަ އަހަރު ހާސިލްކޮށްފައިވާ އޭނާގެ ޖަނާޒާ މިއަދު ކުރިއަށް ދާނެ އެވެ.

ޕްރާން މަރުވި ހަބަރާ އެކު ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން ވަނީ އޭނާގެ އާއިލާ އަށް ތައުޒިޔާ ފޮނުވަން ފަށާފަ އެވެ.

ނަަވާރަ ސަތޭކަ ސާޅީސް ވަނަ އަހަރު އެކްޓިން ކެރިއަރު ފެށި ޕްރާން ވަނީ 400 އަށް ވުރެ ގިނަ ފިލްމް ކުޅެފަ އެވެ.

އޭގެ ތެރެއިން ވެސް ގިނަ ފިލްމްތަކުގައި އޭނާ ކުޅެފައި ވަނޯ ވިލަންގެ ރޯލެވެ. ޕްރާންގެ ފުރަތަމަ ފިލްމަކީ "ޔަމްލާ ޖަޓް" އެވެ.

އޭނާގެ ފާހަގަކޮށްލެވޭ އިތުރު ފިލްމްތަކުގެ ތެރޭގައި "ޒިއްދީ"، "ރާމް އޯރް ޝާމް"، "އުޕްކާރު"، "މަދޫމަތީ"، "ދޯ ބަދަން"، "ޒަންޖީރު"، "ޑޮން" އަދި "އަމަރްދީޕް" ފަދަ ފިލްމްތައް ހިމެނެ އެވެ.