ޔޫއޭފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ އަދި ޗެލްސީ އާއި ބަޔާން މިއުނިކް ވާދަކުރަން ޖެހިއްޖެ އެވެ.
ގްރޫޕްގެ އެއްވަނަ ހޯދައިގެން ސިޓީ ދެވަނަ ބުރަށް ދަތުރުކުރިއިރު، ރެއާލް ދެވަނަ ބުރަށް މިފަހަރު ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ. މިއީ 2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީއަށްފަހު މި މުބާރާތުގައި ސިޓީ އާއި ރެއާލް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. އެފަހަރު ސިޓީގެ މައްޗަށް ރެއާލް އިން ވަނީ ހަނިގޮތަކަށް ކުރި ހޯދާފައެވެ.
ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކް އާއި އިނގިރޭސިވިލާތުގެ ޗެލްސީ ބައްދަލުކުރާ މެޗު ވެގެންދާނީ، 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށްފަހު މި ދެ ޓީމު މި މުބާރާތުގައި ބައްދަލުކުރާ ފުރަތަަމަ މެޗަށެވެ. އެފަހަރު ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅެ އެޓީމު ބަލިކުރުމަށްފަހު މުބާރާތް ކާމިޔާބުކުރީ ޗެލްސީންނެވެ.
ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް ދެވަނަ ބުރުގައި ބައްދަލުކުރާނީ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއެވެ. އަދި ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ނިކުންނައިރު ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ ޓޮޓެންހަމް ބައްދަލުކުރާނީ ޖަރުމަނު ރެޑްބުލް ލީޕްޒެގާ ދެކޮޅަށެވެ. އަދި ފްރާންސްގެ ގަދަ ބާރު ޕީއެސްޖީ މިފަހަރު ނިކުންނާނީ ބްރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ މަހުގެ 18،19،25، އަދި 26 ގައެވެ. ދެވަނަ ލެގުގެ މެޗުތައް ކުޅޭނީ މާޗު މަހުގެ 10،11،17 އަދި 18 ގައެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ މެޗުތައް:
މެންޗެސްޓަރ ސިޓީ – ރެއާލް މެޑްރިޑް
ޗެލްސީ – ބަޔާން މިއުނިކް
ލިވަޕޫލް – އެތްލެޓިކޯ މެޑްރިޑް
ބާސެލޯނާ – ނަޕޯލީ
ޔުވެންޓަސް – ލިޔޯން
ޓޮޓެންހަމް – ރެޑްބުލް ލީޕްޒެގް
ޕީއެސްޖީ – ބްރޫޝިއާ ޑޯޓްމަންޑް
އެޓަލާންޓާ – ވެލެންސިއާ