އާސެނަލްގެ ކޯޗު ކަމުގެ މަގާމަށް މެންޗެސްޓަރ ސިޓީގެ އެސިސްޓެންޓު ކޯޗު ކަމުގެ މަގާމުގައި ހުރި މިކޭލް އާޓެޓާ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
އާސެނަލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި އުނާއި އެމެރީ މިދިޔަ ނޮވެމްބަރު މަހުގެތެރޭ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އާސެނަލްގެ ކޯޗުކަން ވަގުތީ ގޮތުން މިހާރު ކުރަމުން އަންނަނީ ކުރިން އެޓީމަށް ކުޅުނު ފްރެޑީ ލުންބާގްއެވެ.
މީޑިޔާ ރިޕޯޓުތައް ބުނާގޮތުން އާސެނަލްގެ އިސްވެރިންނާއެކު އާޓެޓާ އިއްޔެ ވަނީ އެޓީމުގެ ކޯޗުކަމުގެ މަގާމާ ހަވާލުވުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އާސެނަލްގެ ޑިރެކްޓަރު އަދި އެޓީމުގެ އޯނަރު ސްޓޭން ކްރޮންކޭގެ ދަރިފުޅު ޖޯޝް ކްރޮންކޭއާއެކު ވެސް އާޓެޓާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި އެ ބައްދަލުވުން ރަނގަޅަށް ގޮސްފިނަމަ މި ހަފްތާތެރޭގައި އާސެނަލްގެ ކޯޗުކަމުގެ މަގާމަށް އާޓެޓާ ހަމަޖެއްސުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާޓެޓާ ގެނައުމުގެ މަސައްކަތް އާސެނަލް އިން ފަށާފައިވާއިރު، ސިޓީ ދޫކޮށްލަން އާޓެޓާ ބޭނުންވާނަމަ އެކަމަށް ހުރަސްނާޅާނެ ކަމަށް މީގެކުރިން އެޓީމުގެ ކޯޗު ޕެޕް ގާޑިޔޯލާ ވަނީ ބުނެފައެވެ.
ކުރިން އާސެނަލް އަށް ވެސް ކުޅެފައިވާ އާޓެޓާ ސިޓީގެ އެސިސްޓެންޓް ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުއެވެ.