އެސްޓަންވިލާ އަތުން 5-0 އިން ބަލިވެ އިނގިރޭސި ލީގު ކަޕުން ލިވަޕޫލް ކަޓައިފިއެވެ.
ކްލަބު ވޯލްޑް ކަޕްގެ ސެމީފައިނަލް މެޗު މިއަދު އޮތުމުން ލިވަޕޫލްގެ ސީނިއާ ޓީމުގެ ކުޅުންތެރިން މިވަގުތު ތިބީ ގަތަރުގައި ކަމުން ރޭގެ ކުއާޓާފައިނަލް މެޗަށް ލިވަޕޫލުން ނެރެފައިވަނީ ވަރަށް ޒުވާން ޓީމެކެވެ. އެގޮތުން އެޓީމުގައި ހިމެނޭ ކުޅުންތެރިންގެ އެވްރެޖް އުމުރަކީ 19 އަހަރެވެ.
މިއީ ލިވަޕޫލުން މިހާތަނަށް މެޗަކަށް ނެރުނު އެންމެ ޒުވާން ޓީމު ކަމަށްވާއިރު މި މެޗުގައި ލިވަޕޫލަށް އިރުޝާދު ދީފައިވަނީ އެ ކްލަބުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ.
އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފްގައި ހަތަރު ގޯލު ކާމިޔާބުކޮށްފައެވެ.
މި ހަތަރު ގޯލުގެ ތެރެއިން އެއް ގޯލަކީ ލިވަޕޫލްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެއް ކަމަށްވާއިރު އަނެއް ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޖޮނަތަން ކޮޖީއާއެވެ. އަދި އަނެއް ގޯލު ކާމިޔާބުކޮށްދިނީ ހޫރިހާންއެވެ. އެސްޓަންވިލާގެ ފަސްވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ވެސްލީއެވެ.
މިއީ 13-2012 ވަނަ އަހަރުގެ ސީޒަނަށްފަހު އެސްޓަންވިލާ އަށް މި މުބާރާތުގެ ސެމީއަށް ދެވުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 2007 ވަނަ އަހަރަށްފަހު ލީގު ކަޕްގައި ލިވަޕޫލް ބޮޑު ތަފާތަކުން ބަލިވި ފުރަތަމަ މެޗެވެ.