Last Updated: July 23, 18:20
Thursday, July 23, 2026
ކުޅިވަރު

ސެމީގައި ޔުނައިޓެޑާއި ސިޓީގެ ކުރިމަތިލުމެއް

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގައި ވާދަވެރި މެންޗެސްޓަ ޔުނައިޓެޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޔުނައިޓެޑް މުބާރާތުގެ ސެމީއަށް ދަތުރުކުރީ ރޭ ކޮލްޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ތިން ގޯލުގެ ތެރެއިން އެއް ގޯލަކީ ކޮލްޗެސްޓާގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އަދި އެންތޮނީ މާޝިއަލްއެވެ.

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ސިޓީ ސެމީއަށް ދަތުރުކުރީ އޮކްސްފޯޑް ޔުނައިޓެޑާ ބައްދަލުކޮށް 3-1 އިންނެވެ. ސިޓީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ސްޓާލިންއެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ ކަންސެލޯ އެވެ.

މުބާރާތުގެ ސެމީގައި ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރަން ޖެހުނުއިރު މި ސީޒަނުގައި ޕްރިމިއާ ލީގުގައި މި ދެ ޓީމު މީގެކުރިން ވަނީ ބައްދަލުކޮށްފައެވެ. ސިޓީގެ ދަނޑުގައި ކުޅުނު އެ މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ޔުނައިޓެޑުންނެވެ.

މި މުބާރާތުގެ ސެމީގައި ދެ ލެގު ކުޅެން ޖެހޭއިރު އަންނަ މަހުގެ ކުރީކޮޅު ފުރަތަމަ ލެގު އޮންނާނީ ޔުނައިޓެޑްގެ ދަނޑުގައެވެ.

މުބާރާތުގެ އަނެއް ސެމީގައި ބައްދަލުކުރާނީ އެވަޓަން ކަޓުވާލުމަށްފަހު ސެމީއަށް ދަތުރުކުރި ލެސްޓަ ސިޓީ އަދި ލިވަޕޫލް ކަޓުވާލުމަށްފަހު ސެމީއަށް ދަތުރުކުރި އެސްޓަންވިލާއެވެ.